މާލޭގެ ކެފޭއެއްގައި ޚިދުމަތްދެނީ
މާލޭގެ ކެފޭއެއްގައި ޚިދުމަތްދެނީ
ކެފޭ، ރެސްޓޯރެންޓްފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ދެމެދުގައި ކަމަށެވެ.

އަދި މި މުއްދަތުގައި މުދާ ވިއްކާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށާއި، ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވިދާނެ ކަމަށް ވަނީ ބުނެފައެވެ.

އޭގެ އިތުރުން ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކޮށްފައިވާ ފާސް ބޭނުންކުރެވިދާނެ ކަމަށާއި، ކާފިއު ގަޑިތަކުގައި، ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަންގަވަންވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގެއްލުން ވަމުންދާކަމަށް ބުނެ ރެސްޓޯރެންޓް އެސޯސިއޭޝަނުން މީގެ ކުރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ 161 ކެފޭ ރެސްޓޯރެންޓަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހޮޓާ، ކެފޭ، އަދި ރެސްޓޯރެންޓްތަކަށް ލިބެމުންދާ ގެއްލުމާއި ގުޅިގެން ބަދަލެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް ބަދަލު ދިނުމަށް ތާއީދު ލިބިފައެއް ނުވެއެވެ. ނަމަވެސް ސަރުކާރުން ވަނީ މި ގެއްލުންތަކުން އަރައިގަތުމަށް ޚާއްޞަ ލުއި ލޯނު ސްކީމެއް ތަޢާރަފުކޮށްފައެވެ. މާލޭގައި ހިންގާ ހޮޓާ، ކެފޭ، އަދި ރެސްޓޯރަންޓް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާތްގަނޑަކަށް 99 އިންސައްތައަކީ ބިދޭސީން ކަމަށްވާތީ އެތަންތަނަށް ލިބޭ ގެއްލުމުގެ އަސަރު ވަކިވަކި ދިވެހީންނަށް ކުރާ މިންވަރު ކުޑަ ނަމަވެސް ގިނަ ބަޔަކު ޚިދުމަތް ހޯދާތީ އެތަންތަން ބަންދުކުރުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑަށް ދަތިވާކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން