19 ވަނަ ބައި
................
"އަޅެ...ފަޒީ ކީއްވެތަ؟ މަސީހު މެދުވެރިކޮށް އަހަންނަށް ނޭންގީ...އެންގިނަމަ....އަހަރެން މިހެން މިކަން ވިޔަކަނުދިނީމުސް....ވަރިހަމަ.....އަހަރެން އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން ބޭނުން....ލޯބި ދޭން ބޭނުން...." ތޮލާލު ޠޯއިންއާ ލޯބިކުރަމުން ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން....ތޮލާލުގެ ލޯތްބެއް....ސާރާއަށް މިކަން އަންގާކަށް ފަހަރެއްގައިވެސް އަހަރެން ބޭނުމެއް ނޫން......މިތަނުން ދޭ.....ތޮލާލު.....ތޮލާލުގެ ދަރިއަކު މިތާކުނެތް....ހަޅޭއްލަވައިގަތުމުގެ ކުރިން މިތަނުންދޭ....." ފަޒީލާ އިންޒާރު ކުރިއެވެ.
"އަހަރެން މިތަނުން ނެރެން ނޫޅޭ ފަޒީ....އަހަރެން....ފަޒީދެކެވެސް ލޯބިވަމޭ..." ދަރިފުޅަށް ޖެހުނު ކުލުނާއެކު ތޮލާލުގެ ޚިޔާލު ތަފާތުވާން ފަށައިފިއެވެ.
"އަހަރެންދެކެ ލޯބިވާނެ ކަމެއްނެތް....ހެޔޮނުވާނެ އާދޭސްކޮށްފަ ބުނަން ތިކެހިވެރި މޫނު އަހަންނަށް ދައްކައިގެން ނުހުރޭ މިތަނުންދޭ......" ފަޒީލާއަށް އަޑުވީއްލާ ރޮއިގަނެވިއްޖެއެވެ. ތޮލާލު އަވަސް އަވަހަށް ނުކުތެވެ.
ކޮޓަރިއާ ހަމައަށް ދެވުނުއިރުވެސް އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. އޭނާގެ ލޯމަތިން ފެންނަމުންދަނީ އޭނާގެ ލޭގެ ނިޝާނެއް ކަމުގައިވާ އެއްވެސް ކުށެއްނެތް އެމަޢުޞޫމު ކުއްޖާއެވެ. އެކުއްޖާ ބައްޕައެއްގެ ލޯބިން މަޙްރޫމްކޮށް އެކަހެރިކޮށްލުން އެއީ ވަރަށް ބޮޑު ބޭއިންސާފެކޭ އޭނާގެ ހިތް އޭނާ ގާތު ބުނާ ކަހަލައެވެ. އެރެއަށްފަހު އޭނާއަށް ބޮޑު ބަދަލުތަކެއް އަންނަން ފަށައިފި ކަމުގެ އިޙްސާސް ޚުދު އޭނާއަށްވެސް ކުރެވެން ފެށިއެވެ. ގިނަވަގުތު ފަޒީލާއާއި ދަރިފުޅު ފެންނަފަށުގައި ހުރުމަށް ހިތް އެދެން ފަށައިފިއެވެ. ނަމަވެސް ފަޒީލާ ސާރާ ނެތް އިރެއްގައި ތޮލާލާ އެއްތަނެއް ނުވެއެވެ.
ގިނަވަގުތު ރީޝާގެ ގާތު ރީޝާއަށް ހޭހަންކޮށްދޭން ހުންނަނީ ސީދާ އަމީނެވެ. ރީޝާގެ އާއިލާގެ މީހުން ތިބޭނީ މަދުފަހަރެއްގައެވެ. ހީވާކަހަލައެވެ. އެންމެފަހު ވަގުތުވެސް ރީޝާއާއެކު ވުމަށް އަމީން އެދެނީއެވެ. މިހާރު ރީޝާގެ ހާލު މާ ސީރިޔަސް ވުމުން އައި.ސީ.ޔޫ އަށް ވެއްދިތާވެސް ދެތިންދުވަސްވީއެވެ. ދުވަހެއް ދުވަހަކަށް ރީޝާގެ ހާލު އަންނަނީ ދަށް ވަމުންނެވެ.
"އަމީން.....އަހަންނަށް ވަރަށްބޮޑު ކަމެއް ކޮށްދީފާނަންތަ؟ މިވަގުތާ ހަމަޔަށް މިދުނިޔެއަށް ނޭވާލިޔަސް އަހަރެންގެ އުމުރުގެ ދެން ބާކީ މާގިނަދުވަހެއް ނެތްހެން ހީވަނީ. އަހަންނަށް މިއަދާ ހަމައަށްވެސް މިއޮވެވެނީ އަމީންގެ ތިއޯޤާތެރި ކަމުގެ އެހީގައި....މިބަލީގެ ފުރަތަމަކޮޅު އަހަންނަކީ ކެންސަރަށް ފަރުވާކުރާ މީހެއްކަން އެނގުނުނަމަ މިއަދާ ހަމައަށްވެސް އަހަންނަށް ނޯވެވުނީސްކަންނޭނގެ......އަހަރެން އަމީނުގެ ކިބައިން އެދޭ އެންމެބޮޑު އެދުމަކީ...އަމީން އަހަރެން މަރުވެ......ކަށުކަމާކެމީގެ ކަންތައް ނިމެންދެން....އަމީން.....ކަރުނަ އަޅާ ނުރޮއްޗޭ...." ރީޝާ ރޮއިރޮއިފައި ވަޞިއްޔަތް ކުރިއެވެ. އޭރު އަމީނު ހިތްވަރު ކުރަމުން އައީ އޭނާގެ ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ލޮލުގެ ތެރެއަށް ހިންދޭތޯއެވެ.
"މިއަދު ކޮންކަހަލަ ވާހަކައެއްތަ؟ ރީޝާ ތިދައްކަނީ...ރީޝާއަށް މާތްރަސްކަލާނގެ ދިގު އުމުރެއް ދެއްވާށި..." އަމީން މަޑުމަޑުން ރީޝާގެ ދެއަތަށް ފިތާލިއެވެ. ހަމައެއާއެކު އޭނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގެންފިއެވެ.
"އަހަންނަށް.....މިހާރުވެސް އަހަރެންގެ ސަންދޯއް ގެންދާތަން އެބަފެނޭ....އަމީން އެސަންދޯކުގައި ބޯއަޅައިގެން ހުރެ ރޯތަންވެސް......އެބަފެނޭ.....އަޅެ ނުރޯތި.....އަހަރެން ކިތަންމެހާވެސް.....ބޭނުން......އަހަރެން އެންމެ ލޯބިވާ މީހާއާއެކު....އުފާވެރި ދިރިއުޅުމެއް ޙިއްޞާކުރަން....އެކަމަކު ތަޤްދީރު....އަހަންނަކަށް އެފުރުޞަތެއް ނުދިން....." އިރުއިރުކޮޅާ ރީޝާގެ އަޑުވެސް އައީ ކެނޑި މަޑުވަމުންނެވެ. މިޖުމްލައިން އަމީނުގެ ހިތަށް ކުރި އަސަރު ވަކިން ބޮޑުވިއެވެ.
"ރީޝާ....އަހަރެން ނުރޮމެއްނު....އަހަރެންގެ ލޮލުގައި ކަރުނައެއް ނެތެއްނު...." އަމީން ދެލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން ގަދަކަމުން ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން އޭނާއަށް އެދަޅަ ދެއްކޭގޮތެއް ނުވިއެވެ. އޭނާއަށް ރީޝާގެ އުނގުގައި ބޯއަޅާލެވުމާއެކު ބާރަށް ރޮއިގަނެވުނީއެވެ. ޙަޤީޤަތުގައި ރީޝާ ބަލިވިފަހުން އަމީނުގެ ހިތުގައި ރީޝާއަށް އުފެދިފައިވާ ލޯބި މާބޮޑެވެ. މިހާރު އޭނާ ރީޝާދެކެ އިންތިހާއަށް ލޯބިވެއެވެ. ރީޝާއަކީ އޭނާގެ ޙަޔާތުގައި ބީހިލި މަޑުވައިރޯޅިއަކަށް ވެދިއުމަކަށް އެއްގޮތަކަށްވެސް މިހާރަކު އޭނާގެ ހިތެއް ނޭދެއެވެ. މިހާރު އޭނާގެ ހިތް އެދޭކަހަލައެވެ. ރީޝާއާއެކު އޭނާވެސް ދާނެނަމައެވެ.
"ރީޝާ.....ދެން ތިކަހަލަ ވާހަކަ ނުދައްކާ....ރީޝާގެ ތިވާހަކަތައް އަޑުއަހާކަށް އަހަރެންގެ ހިތަކަށް ކުޅަދާނައެއް ނޫން...." އަމީނު ރޮމުން ރީޝާގެ އަނގަމަތީގައި އަތްއެޅިއެވެ. ރީޝާ ދެލޯ މަރާލިއެވެ. އެއާއެކު އެސްފިޔަތަކުގެ ތެރެއިން ކަރުނަތައް ފޫދިގަތެވެ. އަމީނު އެއްއަތުން އެކަރުނަތައް ނުހަނު އަސަރާއެކު ފޮހެލައިފިއެވެ.
"ރީޝާ....އަހަންނަށް ފުރަތަމަ ލޯބި ދިން އަންހެނަކީ ރީޝް....އަހަރެންގެ ކުރިމަތީގައި ރީޝް ތިވަރަށް ހިތްވަރުދެރަނުކުރޭ....." އަމީން ތެދުވިއެވެ. ރީޝާ ރޯތަން ބަލަން އޭނާއަށް ކެތްނުވީއެވެ. ދެން އޭނާ އުޅުނީ އެތަނުން ނުކުންނާށެވެ. ނަމަވެސް ރީޝާ އެއްލި އަތުން އޭނާގެ އަތުގައި ހިފިއްޖެއެވެ. ހަމައެއާއެކު ރީޝާ ތެޅިފޮޅިގަތެވެ.
"އަމީން.....އަހަންނަށް ނޭވާލާން.....އުނދަގޫ.....ވަނީ....." ރީޝާގެ ނޭވާ ކުރުވާން ފެށިއެވެ. އަމީން ދުއްވައިގަތީ ޑޮކަޓަރު ހޯދާށެވެ. އިސާހިތަކު ޑޮކްޓަރާއި ނަރުހުން އައިސް އެތަނަށް ވަދެއްޖެއެވެ. ޑޮކްޓަރު ފުރަތަމަ އަމީނަށް އިޝާރާތް ކުރީ އިހަށް ބޭރުގައި މަޑުކުރުމަށެވެ. އިރުކޮޅަކުން ތޮއްޔިބުވެސް އަތުވެއްޖެއެވެ. އަމީން ހުރިގޮތް ފެނުމާއެކު ރީޝާގެ ހާލު މާސީރިއަސް ވެގެން އުޅޭކަން ވަގުތުން ތޮއްޔިބު ދެނެގަތެވެ.
"ރީޝާގެ ހާލު މާދަށީތަ؟" ތޮއްޔިބު އެއްސެވެ.
"އާ.....ކުއްލިއަކަށް ނޭވާ ނުލެވިގެން އެނބުރެން ފެށީ...." އަމީން އޭނާގެ ދެލޮލަށް ގިނަވަމުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.
"ހިތްވަރު އެލުވާނުލާ އަމީން...." ތޮއްޔިބު އަމީންގެ ކޮނޑަށް އަތް ވައްޓާލިއެވެ.
"ތޮއްޔިބު.....ކައިވެނީގެ ފުރަތަމަކޮޅު އަހަރެން ރީޝާދެކެ ލޯބިނުވިޔަސް....މިހާރު އަހަރެން ރީޝާދެކެ ހާދަ ލޯބިވެޔޭ...." އަމީންގެ ހިތް ރޯން ފެށިކަހަލައެވެ. އަމީން އާއި ތޮއްޔިބު އެތާނގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިބޭތާ އިރުކޮޅެއް ފަހުން ޑޮކްޓަރު ހަންސްރާޖް ދޮރު ހުޅުވާފައި ބޭރަށް ނުކުމެއްޖެއެވެ. ޑޮކްޓަރު ނުކުތުމާއެކު އަމީން ޑޮކްޓަރާ ދިމާއަށް އެނބުރުނެވެ.
"ރީޝާގެ ހާލު.....ކިހިނެއް؟" އަމީންގެ ހިތްވަނީ އާދަޔާޚިލާފަށް އަވަސްވެފައެވެ. ޑޮކްޓަރު ހުރީ ބަސް ހުއްޓިފައެވެ.
"މަޢާފު ކުރައްވާ....ރީޝާ ސަލާމަތް ކުރެވޭތޯ ކުރި ހުރިހާ މަސައްކަތެއްވެސް ނާކާމިޔާބު....ރީޝާ މަރު....." ޑޮކްޓަރުގެ ޖުމްލަ މުޅިން ފުރިހަމައެއް ނުކުރެއެވެ. ޑޮކްޓަރުގެ އެޖުމްލައާއެކު އަމީން ހީވީ ގަނޑުވިހެންނެވެ. ޗާބީ ދީފައިވާ ރޮބަޓެއްހެން އޭނާ އައި.ސީ.ޔޫއާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ތޮއްޔިބާއި ޑޮކްޓަރުވެސް ހިނގައިގަތެވެ.
އެތެރެއަށް ވަދެވުމާއެކު ފެނުނު ރީޝާގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއެކު ރީޝާގެ ވަޞިއްޔަތް ހަނދާން ނެތި ރޮވެން އުޅުނެވެ. ނަމަވެސް އިސާހިތަކު އޭގެ ބައިގަނޑިއެއްހާއިރު ކުރިން ރީޝާ ކުރި ވަޞިއްޔަތުގެ މަތިން އޭނާ ހަނދާންވެއްޖެއެވެ.
އޭނާ ދެލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އެތެރެއަށް ހިންދަމުން ރީޝާގެ ފުރާނަނެތް މަސްގަނޑުގައި ހިފަހައްޓާލިއެވެ. ނަމަވެސް އޭނާގެ ދެލޮލަކުން ބޭރަށް ކަރުނައިގެ އެއްވެސް އަސަރެއް ފާޅެއް ނުވޭމެއެވެ.
އަމީނަށް ރޮވުނީ ރީޝާގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ގެއަށް އައިހެވެ. އެދުވަހު އޭނާ ކޮޓަރީގައި އޮވެ ނިކަން ގިނައިރުވަންދެން ރުޔެވެ. މަންމައާއި ބައްޕަ ކިތަންމެ ހިތްވަރެއް ދިންނަމަވެސްއެވެ.
"މިއީ އަހަންނަށް ހުރިގޮތްބާ؟" އަމީން ރޮމުން ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ތޮއްޔިބު އާއެވެ.
"ތިހެން ހީނުކުރޭ...އަމީނަށް ވަރަށް އަލިގަދަ މުސްތަޤްބަލެއް އެބައޮތް.....އުއްމީދު ކަނޑާނުލާ...." ތޮއްޔިބު އަބަދުގެވެސް އާދަ ފަދައިން އަމީނަށް ހިތްވަރުދިނެވެ. ނަމަވެސް އޭނާގެ އެއްވެސް ހިތްވަރެއް ހުރިހެނެއް ހިއެއްނުވެއެވެ. ޙަޤީޤަތެކެވެ. އޭނާގެ ދިރިޅުމުގައި އަދި އަދަށްދާންދެން މުޅިންވެސް ދިމާވަނީ ބަދުނަޞީބާއެވެ. އޭނާގެ ފުރަތަމަ ޒަވާޖީޙަޔާތް ރޫޅިގެންދިޔައީ އެއިން އެއްވެސް ރާހަތެއް އޭނާއަށް ނުލިބިއެވެ. ނަމަވެސް ރީޝާގެ ފަރާތުން އޭނާއަށް އިންތިހާ ދަރަޖައަށް ލޯތްބާއި އަޅާލުން ލިބުނެވެ. ރީޝާ މިބަދުނަޞީބު ދުނިޔެއާ އަލްވަދާއުކީ އަމީން އޭނާގެ ލޯބީގައި އެންމެ ރަނގަޅަށް ބަނދެވުނު ދުވަހުއެވެ. އަމީންއަށް އެލޯބި އެންމެ ބޭނުންވެފައި ވަނިކޮށެވެ.
އޭގެ ދެތިން ދުވަސްފަހެވެ. ކޮންމެ ދުވަހެއްގެވެސް އާދަ ފަދައިން ފަޒީލާ ގޯތިތެރެއާއި ގޭތެރެ ކުނިކަހަން ފެށީ ހެނދުނުގެ ނާސްތާއަށްފަހު ތޮލާލުވެސް އޮފީހަށްގޮސް ސާރާ ފެންވަރަން ފާޚާނާއަށް ވަނީމައެވެ. އެއީ ފަޒީލާގެ އާންމު ކަމެވެ. އޭނާ ކޮންމެ ދުވަހަކުވެސް ގޭތެރެއާއި ގޯތިތެރެ ކުނިކަހާ ސާފުކުރާނެއެވެ. އޭނާގެ މަސައްކަތް ނިމެންދެން ދަރިފުޅު ބަލަހައްޓާނީ އަބަދުވެސް ތޮލާލުގެ މަންމައެވެ.
އެގޮތުގެ މަތިން މިއަދުވެސް ސަމީރާ ތޯއިން އުރައިގެން ގޯތިތެރޭ ހުއްޓެވެ. ފަޒީލާ ކުނިތައް އެއްކުރަމުން ގޯންޏަކަށް އަޅަމުންދިޔައެވެ. އުނަގަނޑުގައި އަޅާ ފާޑަކަށް ހަދާފައިވާ ތަވީދެއް އޭނާއަށް ފެނުނީ ގޯތިތެރޭގައިވާ ކުޑަކުޑަ ބަގީޗާތެރެ ކުނިކަހަމުން ދަނިކޮށެވެ. އޭނާ އެތަވީދު ނަގައި އިރުކޮޅެއް ވަންދެން އެއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ އެއީ މާބޮޑު ކަމަކަށް ނުހަދާ އެވެސް ގޯންޏަށް ލައިފިއެވެ. ޔަގީނެވެ. އޭގެ މުހިންމުކަމާއި އެއީ ސާރާގެ ޙަޔާތާ ކިހާވަރެއްގެ ގުޅުމެއްވާ އެއްޗެއްކަން އޭނާއަށް އެނގޭނަމަ އޭނާ އެތަވީދު އެކުންޏާއެކު ނޭއްލީއެވެ. އެއީ އިކްލީލުގެ ކިބައިން ސާރާ ރައްކާތެރިކޮށްދިނުމަށްޓަކައި ފަންޑިތަވެރިޔާ އެޅުވި ތަވީދެވެ.
ތޮލާލު ގެއަށް އައިސްވަނީ ފަޒީލާ ކުނިކަހާ ނިމުމަށްފަހު ހިންދެމިލިތަނާހެނެވެ. ފަޒީލާ ފެނުމާއެކު ތޮލާލު ހުއްޓުނެވެ. ކުޑަދަރިފުޅު ތޯއިން އުރައިގެން އިން މަންމަ ސަމީރާ ތޮލާލަށް ފެނުނީ އޭނާ ފަޒީލާއަށް ގޮވަން އުޅެނިކޮށެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ މަންމައާއެވެ.
"މަންމާ....ސާރާ ކޮބާތަ؟" ދަރިފުޅު ތޯއިންގެ ގައިގައި ކޮއްޓާލަމުން ތޮލާލު އެއްސެވެ."
"ފެންވަރާން ވަދެހެން ހީވަނީ." ސަމީރާ ޖަވާބުދިނެވެ. ތޮލާލު ތޯއިން އުރާލައި ލޯބިކޮށްލުމަށްފަހު އަނެއްކާވެސް ސަމީރާގެ އަތަށް ދީފައި ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އޭރު އެމަންޒަރު ބަލަން ފަޒީލާ އިނީ މޮޅިވެރި ފާޑަކަށެވެ.
ތޮލާލަށް ކޮޓަރިއަށް ވަދެވުމުގެ ކުރިން ސާރާ ފިސާރި ނަލަހެދިލައިގެން ކޮޓަރިން ނުކުތެވެ.
"މާވަރަކަށް ނަލަހެދިލައިގެން ކޮންވަޑާމެއް؟" ތޮލާލު މަޑުމަޑުން އެކަނި ސާރާއަށް އިވޭވަރަށް ބުންޏެވެ.
"ބާޒާރަށް ގޮސްލަން ކަމަށް. ތޮލާވެސް އަހަރެމެނާއެކު ދާނަންދޯ؟" ތޮލާލަށް ޖަވާބުދެމުން އޭނާ އެއްސެވެ.
"ކޮންއަހަރެމެނެއް؟" ތޮލާލު އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.
"އަހަންނާ ފަޒީއާ ވާހަކަ....ފަޒީދޭ އަވަހަށް ފެންވަރާ ތައްޔާރުވެލައިގެން އަންނަން." ސާރާ ތޮލާލަށް އޮޅުންފިލުވައިދިނުމަށްފަހު ފަޒީލާ އާ އިޝާރާތް ކުރިއެވެ. ފަޒީލާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
"އަހަރެން އަދި އޮފީހަށްވެސް ދާންއެބަޖެހޭ....ސާރާދޭ ފަޒީ ގޮވައިގެން.....އަހަންނަށްވެސް ކޮންމެވެސް އެއްޗެއް ގަންނައްޗޭ...." ތޮލާލު ދޮރުހުޅުވާފައި ކޮޓަރިތެރެއަށް ވަނެވެ. ސާރާ ހިނގައިގަތީ ސަމީރާގެ އުރުގައި އިން ދަރިފުޅު އުރާލާށެވެ. އެކަން އެނގިގެން ސަމީރާ އައިސް ތޯއިން ސާރާގެ އަތަށް ދިނެވެ. ސާރާ ދަރިފުޅު އުރާލައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
"ބާޒާރަށް ނުދަނީތަ؟" ސާރާ އައިސް ކޮޓަރިއަށް ވަނުމުން އެނދުގައި އޮށޯވެގެން އޮތް ތޮލާލު އެއްސެވެ.
"ނޫނޭ...އަދި ފަޒީ ނުނިމޭތީ....ތޮލާ.....މިހާރު އަހަރެމެންވެސް ކުއްޖަކު ހޯދަންވީދޯ؟" ސާރާ ތޯއިންއާ ލޯބިކޮށްލަމުން އައިސް ތޮލާލު އޮތް އެނދުގެ މަގަތުގައި އިށީނެވެ.
"އަދި ތަންކޮޅެއް އަވަސްކަންނޭނގެ....ތަންކޮޅެއް ފަހުން ތިކަމާ ވިސްނާނީދޯ." ތޮލާލު ތޯއިންގެ ކޮލުގައި ވަރަށް ލޯތްބާއެކު ހިފާލިއެވެ.
"ސާރާ އާދޭ ދާން...." ބޭރުން ފަޒީލާގެ އަޑު އިވުނީ އެވަގުތުއެވެ. ސާރާ ތެދުވެގެން ހިނގައިގަތެވެ.
"ކޮންތާކަށް ތިދަނީ؟" ތޮއްޔިބު ވާހަކަ ދެއްކީ ރަޙްމަތްތެރިޔާ އަމީންއާއެވެ. އޭނާ އެހެން އެހީ އަމީން އެގޭގައި ހުރެފައި މާއަވަހަށް ދާން ނުކުތީމައެވެ.
"މަންމަ ދެންމެ ގުޅާފައި އައިސްބަލާށޭ ބުނީމަ މިދަނީ. ތޮއްޔިބުވެސް އާދޭ އަހަންނާއެކު." އަމީން ހިނގައިގަތެވެ. ފަހަތުން ތޮއްޔިބުވެސް އަމީންއާއެކު ދިއުމަށްޓަކައި ހިނގައިގަތެވެ.
"އޭތް......ހަނދާން ނެތިފައޭ އަދި މިހުންނަނީ.....އެއްކަލަ މަންޖެ އަދިވެސް އޯކޭ ވާގޮތެއް ނުވޭތަ؟" އަމީން ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ. ފުރަތަމަ އަމީން ނުލަފާ ޒާތަކަށް ހީނގަތީއެވެ.
"އިރާދަކުރެއްވީތީ.......ވަރަށް ޕޮޒިޓިވް.....މީހަކާ އިނދެފަ ހުއްޓަސް އޭނަ ނަލައޭދޯ. ދެތިން ދުވަސްތެރޭ އޭނަގެ ޖަވާބުވެސް ލިބޭނެ...." ތޮއްޔިބު ހުރީ އިންތިހާއަށް އުފާވެފައެވެ.
******************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 73 އިން 76 ށެވެ.

ކިޔުންތެރިންގެ ހިޔާލު