ރާއްޖެއަށް ގެނައި ވެކްސިން ޝިޕްމަންޓެއް
ރާއްޖެއަށް ގެނައި ވެކްސިން ޝިޕްމަންޓެއް
އިއްޔެ ލިބުނު ކޮވިޝީލްޑް ވެކްސިން ޝިޕްމެންޓަކީ ހެޔޮއެދޭ ފަރާތެއްގެ ހަދިޔާއެއް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖަހަން ފަށަން ނިންމިކަން އެޗްއީއޯސީން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މީގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް ހުއްޓާލާފައިވަނީ އެކަށީގެންވާ ވަރަށް ވެކްސިން ނެތުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްއީއޯސީން މިއަދު ބުނީ، ދުނިޔޭގައި ވެކްސިންގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މި ވަގުތުގައި، ސަރުކާރުން ގަނެފައިވާ ވެކްސިންގެ އިތުރަށް ވެކްސިން ހޯދުމަށް ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތުގެ ސަބަބުން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދިނުމުގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން 2021 ޖުލައި 3 ވަނަ ދުވަހު ކޮވިޝީލްޑްގެ ޝިޕްމަންޓެއް ލިބިފައިވާ ކަމަށާއި، އެ ޝިޕްމަންޓް ފޯރުކޮށްދީފައިވާ ފަރާތުން އެ ފަރާތުގެ ނަން ހާމަކުރާކަށް ނޭދޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި އެފަރާތުން ހަދިޔާކުރީ ކިހާ ވެކްސިނެއް ކަމެއްވެސް އެޗްއޮއީސީއަކުން ނުބުނެއެވެ.

އެޗްއީއޯސީން ބުނީ، ވެކްސިން ޖެހުމަށް އެޕޮއިންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޮމިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް 4 ޖުލައި 2021 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅަމުންދާނެކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުމަށް ވެސް އެޗްއީއޯސީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން