ޑރ. މުޙައްމަދު އިޔާޒް
ޑރ. މުޙައްމަދު އިޔާޒް
ޤާނޫނުލްޢުޤޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައެޅި ބިލް މިހާރު އޮތީ ބިލް ހުށައެޅި އިރަށްވުރެ ގޯސްކޮށް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ. ޖުޑިޝަރީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ބިލުގެ މަސައްކަތް ނިންމައި ވޯޓަށް އެހުމުން ދެ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންވެސް ވަނީ ކޮމެޓީން ނިންމިގޮތަށް ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވަން ތާއިދުކޮށްފައެވެ. ބިލު ތަޅުމަށް ފޮނުވުމާ ދެކޮޅަށް ވޯޓުދެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެެވެ.

ބިލަށް ގެނެސްފައިވާ އިސްލާޙްތަކާ ގުޅޭ ގޮތުން ޑރ. ޢިޔާޒް ވިދާޅުވީ، ޙަޤީޤަތުގައި ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ބަސް އަހާފައިނުވާ ކަމަށެވެ. އަދި ބިލް މިހާރު އޮތީ ބިލް ހުށައެޅި އިރަށްވުރެ ގޯސްކޮށް ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ދެހާހަށްވުރެ ގިނަ މީހުން ކޮމިޓީއަށް ފޮނުވި ޚިޔާލަށް ދިނީ ބީރު ކަންފަތެއް." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.



ސަރުކާރުން ޤާނޫނުލް އުޤޫބާތަށް އިސްލާޙް ގެނައުމަށް ހުށައެޅި ބިލުގައި އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ ކޮމިޓީން ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން އޮތް މާއްދާ ވެސް އިސްލާހުކޮށްފައިވާއިރު ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ. އެއީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުން ކަމަށް ކޮމެޓީގެ ނިއްމުމުގައި ބުނެފައިވެއެވެ. އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެެވެ.

ހަމައެއާއެކު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ އިދިކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން ވަނީ ނިންމާފައެވެ.

އާންމު ތަންތަނަކީ އާންމުކޮށް ހުޅުވާލެވިގެން އެންމެނަށް ވެސް ނުވަތަ ފީއެއް ދައްކައިގެން ނުވަތަ ދައުވަތުދީގެން ވަދެނިކުމެވޭ ތަނަކަށް ވާން ޖެހޭނެ ކަމަށް ކޮމެޓީގެ ނިންމުމުގައިވެއެވެ. ހަމަ އެހެންމެ ބްރޯޑްކާސްޓިން ވަސީލަތެއް ބޭނުންކޮށްގެން ޕްލެޓްފޯމެއްގައި ހިޔާލުބަދަލުކުރެވޭ ތަންތަނާއި ޓެކްނޮލޮޖީއާ އިންޓަނެޓް މެދުވެރިވެގެން ވެސް ހިޔާލު ބަދަލުކުރެވެން ހުންނަ ޕްލެޓްފޯމްތަކަކީވެސް އާންމު ތަންތަންކަމަށް ކޮމެޓީން ފާސްކޮށްފައިވެއެވެ.

ހަމަ އެހެންމެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަން ކޮމެޓީން ވަނީ ފާސް ކޮށްފައެވެ.

ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ކޮމެޓީން ނިންމާލައިފައިވާއިރު، ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅައި އެބިލް ފާސްކުރުމާއިމެދު ގޮތެެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. މިބިލަށް ސަރުކާރު ކޯލިޝަންގެ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން