ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ޓެކްސް ނެގުން އިސްތިސްނާ ކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް މުޅިމަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި އެބިލުގައި ވަނީ ޓެކްސް ނެގުން ޚާއްސަ އިސްތިސްނާއެއް ދެވޭ ބާބުގައި ޓެކްސް ނެގުން އިސްތިސްނާވާ އިތުރު އާމްދަނީތަކެއް ހިމަނާފައެވެ.

މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލަށް ބަހުސް ކުރުމަށްފަހު ބިލު ފާސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ، ހާޒިރުވެ ތިއްބެވި 33 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ބިލުގައިވާ ގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. އެގޮތަށް އިސްތިސްނާ ކުރެވޭ މަޝްރޫއުތަކާއި ދާއިރާތައް ކަނޑައަޅާނީ، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ބިލްގައި ވެއެވެ. އެ މާއްދާގައި އިތުރަށް ބުނެފައި ވަނީ، އިސްތިސްނާ ދިނުމަށް ކަނޑައެޅޭ މަޝްރޫއުތައް ނުވަތަ ދާއިރާތައް ކަނޑައެޅުމަށްފަހު އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މުއްދަތަކަށް ކަމަށެވެ. އަދި އިސްތިސްނާ ދިނުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަންވެސް އެ މާއްދާގައި ވަނީ ކަނޑައަޅައިފައެވެ.

އޭގެ އިތުރުން ރައީސާއި ނައިބު ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅާއި ކާރުކޮޅާއި ގެކޮޅުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައާއި ކާރުކޮޅުގެ ޑްރައިވަރުގެ މުސާރައިން ޓެކްސް މަޢާފްކުރުމަށްވެސް ހިމަނާފައިވެއެވެ.

އެ ބިލު އޮތް ގޮތަށް ފާސްކުރުމާ މެދު ދެން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން