ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
އެކިއެކި ލިޔުންތަކުގައި މިހާރު ޖަހަމުންދާ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މާޗު މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މެމްބަރު އާޒިމް ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގައި ވިޔަފާރި ކުރުމަށް ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވުމުން ދައުލަތުގެ އެކިއެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެން އާލާތްތަކެއް ތައާރަފް ކުރެވިފައިވުމާއެކު އެ އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދާތީ ސްޓޭމްޕް ޕްރިންޓް ކުރުމަށް ޚަރަދުތަކެއް ހިނގާތީ ކަމަށެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަންދާޒާވެސް ބިލުގައި ވަނީ ހިމަނާފައެވެ.

މި މަސައްކަތަކީ ވިޔަފާރިވެރިންނަށާއި އާދައިގެ އެހެނިހެން ކަންތައްތަކުގައި ރާއްޖޭގެ ޚިދުމަތްތަކަށް އެދޭ މީހުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށްވެސް މެމްބަރު އާޒިމް ވިދާޅުވިއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ، ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ އެއާޕޯޓް ސާވިސް ޗާޖު ނެގުން އަންނަ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހުއްޓާލައި އާ ޓެކުހެއްގެ ގޮތުގައި ޑިޕާޗާ ޓެކްސް ނަގަން ގާނޫނުގައި ހިމަނަން ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި 46 މެންބަރުންގެ ތެރެއުން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން