ފޮޓޯ: ޕީޕަލްސް މަޖިލިސް، ރައްޔިތުންގެ މަޖިލިސް
ފޮޓޯ: ޕީޕަލްސް މަޖިލިސް، ރައްޔިތުންގެ މަޖިލިސް
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ ބިލު އިތުރަށް ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ޖޫން މަހުގެ 30 ވަނަ ދުވަހުގެ ޖަލްސާގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމެވެ. މި ބިލުގެ ބަހުސް ނިމި މަޖިލީހަށް ބިލު ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުން ވެސް ވަނީ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

މި ބިލު ހުށަހެޅުމުގެ މަޤްޞަދަކީ ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ މީހުންގެ މައްޗަށް ހިންގަންޖެހޭ އިޖުރާއަތުތައް ހިންގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުން ވެސް ހިމެނެއެވެ. އަދި ޓެރަރިޒަމްގެ އަމަލުތައް ކުރާ ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަންޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ވެސް ހިމެނެއެވެ.

ބިލުގެ ބަހުސް ނިންމާލިއިރު، މެންބަރުން ވިދާޅުވެފައިވަނީ ގާނޫނުތަކަށް އިސްލާހު ގެނެސް ފާސްކުރި ނަމަވެސް ތަންފީޒީ އިދާރާތައް ހަރުދަނާވާން ޖެހޭ ކަމަށާއި، މިހާރު ރާއްޖޭގެ ހާލަތު މިއޮތް ގޮތުން މި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ.

ޓެރަރިޒަމްގެ ކުށްތައް ތަހްގީގުކުރުމާ ގުޅޭގޮތުން ބިލުގައިވާ އިސްލާހު ތަކުގެ ތެރޭގައި، ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދުނުމާއި، ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދިނުމާއި، ކޯޓު އަމުރަކާނުލައި އެފަދަ މީހެއް ދިރިއުޅޭ ތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރު ވެސް ފުލުހުންނަށް ގޮތަށެވެ.

ހަނގުރާމައަށް ދިޔުމަށްފަހު ނުވަތަ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ މީހުންނާމެދު އަމަލުކުރާ އިޖުރާއަތުތަކަށް ހުށަހަޅާފައިވާ އިސްލާހަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކުށުގެ ތުހުމަތުގައިވާ މީހުންގެ ތަހުގީގު ވަގުތުން ވަގުތަށް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ.

އެނޫން މީހުންނަކީ އެފަދަ އަމަލުތަކުގައި ސީދާ ބައިވެރިވި ބަޔަކަށް ނުވިނަމަވެސް، އެއީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއް ކަމުގައި ބަލައި، އެފަދަ އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ރިހެބިލިޓޭޝަންގެ ފަރުވާ ދިނުމަށް މަގުފަހިކުރެވޭނެ ގޮތަށް ވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން