ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑޮކްޓަރު އިބްރާހިމް ދީދީ
ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑޮކްޓަރު އިބްރާހިމް ދީދީ
ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމް ކަމުނުގޮސްގެން ރައްޔިތުން އުޅޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީއާއި، އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑޮކްޓަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޔާމީންގެ ތާއީދާއެކު ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި ކަމަށާއި، ފަހުން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައި ނުވާތީ ނިޒާމު ބަދަލު ކުރުމުގައި ރައީސް ޔާމިންގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން، ރައީސް ނަޝީދުގެ ވެރިކަމުގައި މަސްވެރިކަމާބެހޭ ވަޒީރުކަން ކުރެއްވި ދަތުގެ ޚާއްސަ ޑޮކްޓަރ އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމުގައި މައްސަލަ އުޅޭ ކަމަށް ރައްޔިތުން ވާހަކަ ދައްކާ މަންޒަރު ނުފެންނަ ކަމަށެވެ. ރާއްޖޭގައި މިހާރު މިއޮތީ ރައްޔިތުން ވޯޓުލައިގެން ނިންމާފައިވާ ނިޒާމެއްކަން ފާހަގަކުރަށްވައި ޑީޑީ ވިދާޅުވީ، އެކަމަށް އިޙްތިރާމްކޮށް ރިޔާސީ ނިޒާމް ދެމެހެއްޓުމަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމަށެވެ.



"އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭކަމަށެވެ.

"އެހެންވީމަ އެމްޑީޕީއާއި ޕީޕީއެމް މި ދެ ޕާޓީ ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް، ފެންނަ ނުފެންނަ ވޯޓެއް ބޭއްވުނީމަ އަޅުގަނޑުމެންނަށް މި ބަދަލު ގާނޫނު އަސާސީއަށް ގެނެވޭނެ." އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ބެލުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ޢާއްމު ވޯޓުގައި ރިޔާސީ ނިޒާމަށް ތާޢީދުކޮށް 95619 ރައްޔިތުން ވޯޓު ދީފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާޢީދުކޮށް ވޯޓު ލާފައިވަނީ، 58504 ރައްޔިތުންނެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ އެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން