ޖުމްހޫރީ ޕާޓީގެ ލީޑަރ، މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހީމް (ކ) އާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ވ)
ޖުމްހޫރީ ޕާޓީގެ ލީޑަރ، މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހީމް (ކ) އާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ވ)
ޖުމްހޫރި ޕާޓީގެ އެހީއާއި ނުލައި އެއްވެސް ބަޔަކަށް ވެރިކަމަށް އާދެވިފައި ނެތްކަމަށާއި އެކަމަކު ވެރިކަން ލިބުމުން އެންމެންވެސް ޖޭޕީއާމެދު ޢަމަލުކުރަނީ "ޓިޝޫ ޕޭޕަރެއް"ގެ އުސޫލުން ކަމަށް އެޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ތެރެއިން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިސްބޭފުޅުން ކުރަށްވަމުން ގެންދަވާ ކަމަށާއި، އެކަމުގައި އިސްކޮށް ހުންނެވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ޓީވީ ޕްރޮގްރާމެއްގައި ސަޢުދު ވިދާޅުވީ، ޖުމްހޫރި ޕާޓީއާމެދު އެންމެންވެސް ޢަމަލުކުރަނީ "ޓިޝޫ ޕޭޕަރެއް"ގެ އުސޫލުން ކަމަށެވެ.

އެހެން ނަމަވެސް އެޕާޓީގެ އެހީއާއި ނުލައި އެއްވެސް ބަޔަކަށް ރާއްޖޭގެ ވެރިކަމަށް އާދެވިފައި ނެތް ކަމަށް ސަޢުދު ވިދާޅުވިއެވެ. ޚާއްސަކޮށް އެމްޑީޕީއަށް ދެންވެސް ރިޔާސީ އިންތިހާބުތަކުން ކުރި ހޯދޭނީ ޖުމްހޫރީ ޕާޓީއާއެކު ކަމަށް ވިދާޅުވެ ސަޢުދު ވަނީ ޗެލެންޖު ކުރަށްވާފައެވެ.

ސައުދު ވިދާޅުވީ، އެމްޑީޕީން އުޅެނީ ޖޭޕީއާމެދު ޙަމްދަރުދީ ވެގެން ނޫންކަމަށާއި، އެޕާޓީން 2023 ގައި ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ އެކަމާ ޖެހިލުންވެގެން ކަމަށެވެ. ޖޭޕީގެ އެ ނިންމުން އަދިވެސް ދެމިއޮތްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، އެޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތްކަމަށެވެ. އަދި ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ސައުދު ވަނީ މެންބަރު ހަލީމަށް ގޮވާލައްވާފައެވެ.

އިއްޔެގެ ޖަލްސާގައި ދޮންބިލެއް ވަނީ، ޖުމްހޫރީ ޕާޓީ ހަލާކު ކުރުމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ތެރެއިން ކުރާ މަސައްކަތް ހުއްޓުވުމަށް ޕާޓީގެ ލިޑަރ އޮންރަބަލް ޤާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި އަބްދުﷲ ރިޔާޒް ކުރަށްވާ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށާއި، ޖުމްހޫރީ ޕާޓީއަކީ މި ރާއްޖޭގެ ސިޔާސީ ނިޒާމުގައި މުހިއްމު ޕާޓީއެއް ކަމަށް މެންބަރު ހަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޯލިޝަންގެ ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން، މިތާ ތިއްބެވި ބައެއް މެމްބަރުން އަލުން ޕާޓީއެއް ހައްދަވަން އެކުރައްވާ މަސައްކަތް ކުރައްވާ ކަމަށްވަންޏާ ޖުމްހޫރީ ޕާޓީއަށް މީގެ ދަތިތަކެއް ހުންނާނެ." ދޮންބިލެއް ވިދާޅުވިއެވެ.

2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ވެރިކަމަށް އިންތިޚާބުވެފައި ވަނީ ޖުމްހޫރީން ޕާޓީން ތާޢީދާއެކުގައެވެ. އެގޮތުން އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމަށް އައީވެސް އަދި 2013 ގައި ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުގައާއި 2018 ވަނަ އަހަރު އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމުގައި ވެސް ޖޭޕީގެ ދައުރާއި، ޚާއްޞަކޮށް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ނަމަވެސް މިދެންނެވި ކޮންމެ ވެރިކަމެއްގައިވެސް އެންމެ އިހާނެތިކޮށް ކަންކަން ކުރިމަތިވެ އެންމެ އަވަހަށް ކޯލިޝަނުން ނުވަތަ ސަރުކާރުން ވަކިވާން ޖެހޭ ނުވަތަ ބޭރުކޮށްލާ ޕާޓީއަކީ ވެސް ޖުމްހޫރީ ޕާޓީކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން