މަޖިލީހުގެ ޖޭޕީ އޮފީހުގައި ހަރުކޮށްފައިވާ ލިޔުން
މަޖިލީހުގެ ޖޭޕީ އޮފީހުގައި ހަރުކޮށްފައިވާ ލިޔުން
މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ޞާލިޙު ޕާޓީ ޖެހި މައްސަލަ ބަލައިދޭން ޖުމްހޫރީން ޕާޓީން މަޖިލީހުގެ އިދާރާގައި އެދިއްޖެއެވެ.

މަޖިލީހުގައި ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ޚާއްސަކޮށްފައިވާއިރު ޖޭޕީ އޮފީހުގެ ބޭރުގައި "ޞާލިޙް ޕާޓީ" އަދި "އެމްއެމްޕީ" ޖަހާފައިވާ ލިޔުމެއް ހަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެކަމާގުޅިގެން ޖޭޕީގެ ފަރާތުން މަޖިލީހުގައި އެދިފައިވަނީ އެ ލިޔުން ހަރުކުރި މީހަކު މަޖިލީހުގެ ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ހޯދައި ދިނުމަށެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރަށްވަމުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ވަނީ ޖުމްހޫރީ ޕާޓީގެ ތެރެއިން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިސްބޭފުޅުން މަޖިލީހުގައި އެޕާޓީއަށް ޚާއްސަކޮށްފައިވާ އޮފީހުގައި ކުރަށްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އެކަމުގައި އިސްކޮށް ހުންނެވީ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ތެރޭގައި އައު ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ދަނގެތީދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ. އެކަމާ ގުޅިގެން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެއް ކަމަށާއި، ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަމަށް ބުނެ ފުރައްސާރަކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.

"ތަސައްރަފު ނުފުރޭ ކުޑަކުދިން ކުރާ ޒާތުގެ އަމަލުތަކުން މަޖިލީހުގެ މެންބަރުން ދުރުހެލިވާންޖެހޭ." މެންބަރު އުޝާމް ވިދާޅުވިއެވެ.

އެ މައްސަލާގައި ޖުމްހޫރި ޕާޓީގެ ނައިބު ރައީސް އަޙްމަދު ސައުދު ވިދާޅުވީ، އެމްޑީޕީން އުޅެނީ ޖޭޕީއާމެދު ޙަމްދަރުދީ ވެގެން ނޫންކަމަށާއި، އެޕާޓީން 2023 ގައި ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ އެކަމާ ޖެހިލުންވެގެން ކަމަށެވެ. ޖޭޕީގެ އެ ނިންމުން އަދިވެސް ދެމިއޮތްކަން ފާހަގަކޮށް ސައުދު ވިދާޅުވީ، އެޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތްކަމަށެވެ. އަދި ފިތުނަ އުފެއްދުމަށް މަސައްކަތް ނުކުރުމަށް ސައުދު ވަނީ މެންބަރު ހަލީމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން