ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
"ލުއި ލަމާނީ" އަކުން ރައްޔިތުންނަށް އިތުރަށްވާނެ ފައިދާއެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ރައީސް މުޙައްމަދު ނަޝީދަށް މަޖާޒީ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޔާމީންގެ ތާއީދާއެކު ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން މީގެކުރިން ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާފައި ކަމަށާއި، ފަހުން ބަރުލަމާނީ ނިޒާމަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފައި ނުވާތީ ނިޒާމު ބަދަލު ކުރުމުގައި ރައީސް ޔާމިންގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން މެންބަރު އިބްރާހީމް ޝަރީފް، އައްޑޫ ޝަރީފް ވިދާޅުވީ، ބަރުލަމާނީ އަކުން ނުވަތަ "ލުއި ލަމާނީ" އަކުން ވިޔަސް ޤައުމާއި ރައްޔިތުންނަށް އިތުރަށް ވާނެ ފައިދާއެއްވެސް މަންފާއެއްވެސް ނެތް ކަމަށެވެ. ނިޒާމު ބަދަލުކޮށްގެން ސަރުކާރުގެ ހިންގުން އިތުރަށް ވާނީ ބުރަހެލި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމުން ފައިދާ ވާނީ މަޖިލީސް މެންބަރުންނަށް ކަމަށާއި، މެންބަރުންނަށް މިހާރުގެ މަޤާމުގެ އިތުރުން މިނިސްޓަރ ކަމުގެ ޙައިސިއްޔަތުވެސް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ ނިޒާމަކީ މާ ރަނގަޅަށް ނަތީޖާ ނެރެވޭ ނިޒާމެއްކަން އެ ނިޒާމް ރަނގަޅަށް ހިންގާ ޤައުމުތަކުން ފެންނަން އޮތް ކަމަށެވެ.

"ބަރުލަމާނީ އަކީ އިނގިރޭސިވިލާތުގެ ވިރާސީ ރަސްކަން ދެމެހެއްޓުމާއެކު ރަސްގެފާނުގެ ކެބިނެޓް ހޮވުމުގައި މަޖިލީސް ބައިވެރިކޮށްގެން ރަސްކަން ހިންގަން އުފެއްދި ނިޒާމް." ބަރުލަމާނީއަށް ތާޢީދު ނުކުރަށްވާ ސަބަބު ހާމަކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ދަޢުލަތުގެ އެންމެ އިސްވެރިޔާ ހޮވުމުގައި ރައްޔިތުންނަށް ބަސް ނުބުނެވޭނެ ކަމަށާއި، މެންބަރުން މިނިސްޓަރުންނަށް ވުމުން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަމަށެވެ.



އޭގެ އިތުރުން ޝަރީފް ވިދާޅުވެފައިވަނީ، ބަރުލަމާނީ ނުގެނައި ނަމަވެސް ރައީސް މައުމޫންގެ ދައުރުގައި އޮތް ނިޒާމް ޤާނޫނު އަސާސީ އިސްލާޙު ކޮށްގެން އަލުން ގެނެވިދާނެ ކަމަށެވެ. ނަމަވެސް ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރުގައި ރާއްޖެއޮތް ގޮތަށް އަލުން ބަދަލުކުރަންޖެހޭ ސަބަބު ވިސްނިވަޑައި ނުގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ބެލުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ޢާއްމު ވޯޓުގައި ރިޔާސީ ނިޒާމަށް ތާޢީދުކޮށް 95619 ރައްޔިތުން ވޯޓު ދީފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާޢީދުކޮށް ވޯޓު ލާފައިވަނީ، 58504 ރައްޔިތުންނެވެ. ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީން ތުހުމަތު ކުރަނީ އެ ވޯޓު އޮޅުވާލާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން