އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގި އިންކުއަރީގެ ރިޕޯޓްގައި ސިފައިން ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކުރާ ގާނޫނެއް އެކުލަވާލުމަށް ލަފާދީފިއެވެ.

މަޖިލީހުގެ ރިޕޯޓުގެ ރެކޮމަންޑޭޝަނެއްގެ ގޮތުގައި މިފަދަ ޤާނޫނެއް ވުޖޫދު ކުރުމަށް ލަފާދީފައިވާއިރު، މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ވަކިވަކި ސިފައިން ޙާޟިރުނުކެރެވޭނެ ކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓްރީން ބަޔާނެއް ނެރުނު މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ނަމަވެސް ޑިފެންސް މިނިސްޓްރީން ފަހުން ވަނީ ވަކިވަކި ސިފައިންނަށް މަޖިލީހަށް ޙާޟިރުވެ ޖަވާބުދާރީވުމަށް ފުރުސަތުދީފައެވެ.

ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ޤައުމީ ދިފާޢީބާރާއި ގުޅުން ހުރި ގިނަ ކަންތައްތަކެއް ވަނީ ހިމަނުއްވާފައެވެ. އެގޮތުން ސިފައިންގެ ގާނޫނު އިސްލާހުކޮށް ސިފައިންގެ ޖަވާބުދާރީ ކުރުމުގެ އޮނިގަނޑު ސާފުކޮށް ބަޔާންކޮށް ނޭޝަނަލް ސެކުއިރިޓީ ގާނޫނެއް ގާއިމް ކުރުމާއި، އެމްއެންޑީއެފްގެ އިދާރީ ހިންގުމާއި އިންޓެލިޖެންސް އަދި އޮޕަރޭޝަން ކަންކަމަށް ބޭނުންވާ އެންމެހާ އުސޫލުތަކާއި މިހާރު އެކުވަލާފައިވާ އުސޫލުތަކާއި ޕްލޭންތައް އަދާހަމަ ކުރުން ހިމެނެއެވެ.

އޭގެ އިތުރުން ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ އިހްތިސާސްތައް މުރާޖާކޮށް އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރުމާއި، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަންކަމާ ގުޅޭ މައުލޫމާތު އެމްއެންޑީއެފްއާއި ފުލުހުންގެ ޚިދުމަތް އަދި ޓެރަރިޒަމްގެ ގާނޫނުގައި ބަޔާން ކުރާ އިދާރާތަކުގެ މެދުގައި ޙިއްސާ ކުރާނެ ހާމަނައިޒްޑް ޑާޓާ ސިސްޓަމްއެއް ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ހިމަނާފައިވެއެވެ. އޭގެ އިތުރުން އިންޓެލިޖެންސް އެއްކުރުމާއި ބެލެހެއްޓުމާއި، ސަލާމަތީ ޚިދުމަތްތަކުގެ މެދުގައި ރައްކާތެރިކަމާ އެކު ބަދަލު ކުރެވޭނެ ގޮތަށް އިދާރާތަކުގެ މެދުގައިވާ ފުށު އެރުންތައް ނައްތާލުން ވަކިކޮށް ބަޔާން ކޮށް ނޭޝަނަލް އިންޓެލިޖެންސް އެކްޓްއެއް އެކުލަވާލުން ހިމެނެއެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް 241 ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ. މި ރިޕޯޓް ކޮމެޓީން ފާސްކުރީ ކޮމެޓީގައި ހިމެނިވަޑައިގަތް 13 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭއިރު، މަޖިލީހުގެ ވެބްސައިޓްގައި އެ ރިޕޯޓް އާންމު ކުރާނީ އެ ބައިތައް އުނިކުރުމަށް ފަހުގައެވެ. އެ ބައިތަކުގެ ތެރޭގައި އިންޓެލިޖެންސް ނިޒާމުގައިވާ ސިއްރުތަކާއި ސަލާމަތީ އަދި ސެކުރިޓީގެ ސިއްރުތައް ހިމެނޭ ކަމަށް ކޮމެޓީގެ މުޤައްރިރު އަސްލަމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން