ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަޙައްދު
ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަޙައްދު
ނަފްރަތުގެ ކުށް ކަނޑައަޅާ ބިލުން ނަފްރަތު ވާނީ އިތުރު ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމަށާއި، ނަފުރަތުގެ ކުށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށައަޅާފައިވާ އިސްލާޙުގެ ސަބަބުން މުޖްތަމަޢު އިތުރަށް ބައިބައިވެގެންދާނެކަމަށެވެ. އަދި ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިތުރަށް ނަފުރަތު އުފެދި ޤައުމު އިތުރަށް ފަސާދަވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ ބިލްގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކޮށް ދީން ނިކަމެތި ކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ. އަދި އެއް އުއްމަތެއްގެ ގޮތުގައި ދިވެހި ޤައުމުގެ ހަމަޖެހުން ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ކޯލިޝަނުން ދެކޭ ގޮތުގައި ހަރުކަށި ފިކުރު އިތުރުވަނީ ޤާނޫނާއި ޤަވާއިދު ނެތިގެނެއްނޫނެވެ. ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުންނެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަބަދުވެސް ވަކާލާތުކުރާނީ ދިވެހިންގެ ޤައުމިއްޔަތާއި ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ކަމަށާއި އެކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިން އުއްމީދުކުރާފަދަ ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް ކަމަށް އިދިކޮޅުން ބުނެއެވެ.

ނަފްރަތުގެ ކުށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށައަޅާފައިވާ އިސްލާޙުގެ ބިލް މިއަދު އޮންނަ މަޖިލީހުގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ. އެބިލަށް ކޮމެޓީން ގެނައި ބަދަލުތައް ކަމުނުދާކަމަށް ވިދާޅުވެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވަނީ ބިލަށް އިތުރު އިސްލާޙުތަކެއް ހުށައަޅުއްވާފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ އޮންނާނީ މެންދުރު 2:00 ގައެވެ. މިއީ މިދައުރުގެ ފަހު ޖަލްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން