ޞާދިރު ޢަލީދީދީ   9 ޖުލައި 2021 - 14:34
ބޯގަންވިލާ
ބޯގަންވިލާ
25 ވަނަ ބައި

................

އެއީ އެއްވެސް މީހެއްގެ ހިލަމެއްނުވާ ބޮޑު ހަވޭލީއެއް ކަހަލަ ގެއެކެވެ. ގޭތެރޭގެ ޒީނަތްތެރިކަންވެސް ނިކަން ފުރިހަމަވެފައި ޗާލެވެ.

"ވާހ.....ހާދަ ހިތްގައިމު ގެއެއް.....ކޮބައިތަ ސޯބިރާ މަންމަމެން....." އެގޭތެރެއަށް ވަދެ ވަށައިގެން ހޯދާލަމުން ތޮއްޔިބު އެއްސެވެ.

"ޝުކުރިއްޔާ. މަންމަވީ ދައްތަ ވިހައިގެން އުޅޭތީ އެގޭގައި. ހީވާގޮތުން ބައްޕަވެސް ހުރީ އެގޭގައި...." ސޯބިރާ ފޮތް އަލަމާރިމަތީގައި ހުރި މާވަށިގަނޑަކުން ބިންމައްޗަށް ފެއްޓިފައި އޮތް މަލެއް ނަގައި މާވަށިގަނޑަށް ކޮއްޕާލަމުން ބުންޏެވެ.

"މާގިނައިރު ހުރެވޭކަށްވެސް ނެތޭ. ކޮބާތަ ސޯބިރާ މާގަދައަށް ލޯބިވެގެން އުޅޭ މީހަކީ....އަހަންނަށް ދައްކަން ތިއުޅެނީ އޭނާގެ ފޮޓޯއެއްތަ؟" ތޮއްޔިބު ސިޓިންގރޫމްގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. އެހިނދު ސޯބިރާ ވިސްނަމުންދިޔައީ އޭނާ އެންމެ ލޯބިވާ މީހާ ތޮއްޔިބަށް ތަޢާރަފްކޮށްދޭނެ ގޮތަކާ ދޭތެރޭގައެވެ.

"ދައްކަންވީތަ އޭނަ...." އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި ސޯބިރާ ބުންޏެވެ.

"އާނ....އަވަސްކުރޭ މިހާރުވެސް މާލަސްވެއްޖެ. އިރުކޮޅަކުން އަޒޫވެސް ގުޅާނެ." ތޮއްޔިބު ތެދުވާން އުޅެފައި އަނެއްކާވެސް އިށީނެވެ.

"އާދޭ....އަހަންނާއެކު ކޮޓަރިއަށް....އެކަމަކު އަހަންނަށް އޭނަގެ ލޯބި ހޯދަދޭނެ ކަމުގެ ޔަގީންކަން ދޭންވާނެ." ކޮޓަރިއާ ދިމާއަށް ސޯބިރާ ހިނގައިގަތެވެ. ފަހަތުން ތޮއްޔިބުވެސް ހިނގައިގެންފިއެވެ.

"ޔަގީނެއްނު.....އަހަރެން މަސައްކަތް ކޮށްފިއްޔާ ލޯބި ހޯދައިދެވޭނެކަން. ވަރިހަމަ އެއީ ކޮންމެ މީހަކަސް." ތޮއްޔިބުގެ ޔަގީނުން ސޯބިރާ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ސޯބިރާ އެހިތްހަމަޖެހުމާއެކު ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ފަހަތުން ވަނުމަށް ތޮއްޔިބު އަށް އިޝާރާތް ކުރީ އެއަށްފަހުއެވެ. ތޮއްޔިބު ކޮޓަރިތެރެއަށް ރަނގަޅަށް ނަޒަރު ހިންގާލަމުން އެތެރެއަށް ވަނެވެ. ސޯބިރާ ގޮސް ހުއްޓުނީ ޑްރެސިންގ ޓޭބަލް ކުރިމައްޗަށެވެ.

"އާދޭ....މިތަނަށް ގާތަށް....އަހަރެން ލޯބިވާ މީހާ ދައްކާނަން..." ސޯބިރާ މިހެން ބުނީމާ ތޮއްޔިބު ކޮބާހޭ ބުނެފައި އައިސް ސޯބިރާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

"ކޮބާ އަވަހަށް ދައްކަބަލަ....އަހަރެން ދާންވެއްޖެ...." ތޮއްޔިބު ގަޑިއަށް ބަލާލިއެވެ. އެހެރީއޭ ބުނެފައި ސޯބިރާ އިނގިލި ދިއްކުރީ ޑްރެސިންގ ޓޭބަލުން ފެންނަންހުރި ތޮއްޔިބު އާދިމާއަށެވެ. ތޮއްޔިބަށް ލިބުނީ ސިހުމާއި ހައިރާން ކަމެވެ. ސޯބިރާގެ ފަރާތުން އެފަދަ އިޝާރާތެއް ވެދާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާއެއް ނުވިސްނައެވެ. އެހެންކަމުން ސޯބިރާގެ އެއިޝާރާތް އޭނާއަށް ގަބޫލުކުރަން ދަތިވެސްވިއެވެ. އޭރު ސޯބިރާހުރީ ތޮއްޔިބުދޭނެ ޖަވާބަކަށް އިންތިޒާރުކޮށް އިސްޖަހައިގެންނެވެ. ބަސްހުއްޓިފައި ބުނާނެ އެއްޗެއް ނޭނގިފައި ތޮއްޔިބަށް ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.

"ސޯބިރާ......ތިޔަކުރި އިޝާރާތް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނޭ. ޑްރެސިންގ ޓޭބަލުގައި އެވާ ލޯގަނޑުން އަހަންނާ ސޯބިރާ ނޫން މީހަކުވެސް ފެންނަނީތަ؟" ތޮއްޔިބު ގަސްދުގައި ސޯބިރާގެ އިޝާރާތް ނުވިސްނޭ ކަމަށް ހެދިއެވެ. އެކަން ސޯބިރާވެސް ދަނެގަތެވެ. އެހެންވެ ސޯބިރާ ދިނީ އިތުރު ތަފްޞީލެވެ.

"ނުވިސްނިގެނެއް ނޫނެއްނު ތިއުޅެނީ....އަހަރެން އެލޯގަނޑު ތެރެއިން ތޮއްޔިބަށް ދައްކަން ބޭނުންވާ މީހަކީ ތިސޫރައޭ...." ތަފްސީލަށްފަހު ސޯބިރާއަށް އިސްއޮބާލެވިއްޖެއެވެ. ބުނާނެ އެއްޗެއް ނޭނގި ތޮއްޔިބު ފިނިވިއެވެ.

"ސޯބިރާ.....ކޮންކަހަލަ ވާހަކައެއް ތިދެއްކީ!؟....އަހަރެން ދަނީ!" ތޮއްޔިބު ހީނގަތެވެ.

"ތޮއްޔިބު....ލޯބިވުމަކީ ކުށަކަށްވާނަމަ އަހަންނަށް މައާފުކުރޭ....ތިގޮތަށް އަހަންނަށް ފުރަގަސްދީފައި ނުދޭ...." ސޯބިރާ ތޮއްޔިބު ހުއްޓުވިއެވެ.

"ސޯބިރާ....އަހަންނާ ތިމައުޟޫއަށް ވާހަކަ ނުދައްކާ އަހަންނަކަށް ސޯބިރާއަށް ތިކަމުގައި އެއްވެސް އެހީއެއް ފޯރުކޮށެއް ނުދެވޭނެ." ތޮއްޔިބު އިތުރަށް ސޯބިރާއާ ދިމާއަށް ބަލައިވެސް ނުލައެވެ. އޭނާ ހިނގައިގެންފިއެވެ. ހަމައެއާއެކު ސޯބިރާގެ ލޮލުން ކަރުނަ ހިލިގަތެވެ.

ތޮއްޔިބު ގެއަށް ގޮސް އަމީނަށް ގުޅާފަވެސް އެވާހަކަ ކިޔައިދިނެވެ. ތޮއްޔިބު ހީކުރިގޮތާ ޚިލާފަށް އަމީނު އެކަމަށްދިނީ ހިތްވަރެވެ. ނަމަވެސް ކައިވެންޏެއްގެ މަތީގައި ހުރެ ހިލޭ އަންހެނަކާ އެފަދަ ނަޒަރަކުން ވާހަކަ ދެއްކުމަކީ އަބަދުވެސް އޭނާ ނުރުހޭ ސިފައެކެވެ. އެއީ އޭނާގެ ޠަބީއަތުގައިވާ ރަނގަޅު ސިފަތަކުގެ ތެރެއިން ސިފައެކެވެ.

"އަމީނު ކިތަންމެ ބުންޏަސް އަހަންނަކަށް އެކަމެއް ނުވާނެ. އަހަރެން އަހަރެންގެ އަނިބިމީހާއަށް ތެދުވެރިވާނަން...." ތޮއްޔިބު ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ އަމީނު އާއެވެ. އެދެވެރިން ވާހަކަ ދައްކަން ތިބީ އަމީނުމެން ގޭގައެވެ. އޭރު ސާރާވީ އަމީނު ގެ މަންމައާއެކު ބަދިގެފަރާތުގައެވެ.

"ކިތަންމެ ތެދުވެރިވެގެން އުޅުނަސް އަންހެން ކުދިންގެ ފަރާތުން ހެޔޮބަހެއް ނުލިބޭނެ....އެމީހުން އަބަދުވެސް ތިބޭނީ ޝައްކު ބަލިން ފޯވެފައި." އަމީނުގެ ވާހަކައިން އޭނާ އެއްވެސް އަންހެނަކަށް އިތުބާރު ނުކުރާކަން ދޭހަވެއެވެ."

"ތިޔައީ ކުރީގެ އަމީނެއް ނޫންދޯ މިހާރު. ހަމަގައިމުވެސް މީގެކުރިއަކުން އަމީން އަކީ ރައްޓެހި ރަހްމަތްތެރިން މަގުފުރެދޭ ޒާތަށް ދުވަހަކުވެސް ވާހަކަ ދެއްކި މީހެއް ނޫން. ކުއްލިއަކަށް ހާދަބޮޑު ބަދަލެއް އަމީން އަށް އައިސްގެން ތިޔައުޅެނީ." އަމީނުގެ ތަފާތު ފުރަތަމަ ފަހަރަށް ތޮއްޔިބަށް އިޙްސާސް ކުރެވެން ފަށައިފިއެވެ.

"އަހަރެންނަކީ ކުރީގެ އަމީނެއް ނޫން....އަހަރެން އަދިވެސް ލިބިޖެއްޔާ ހަތަރު ފަސް މީހަކާވެސް އިނދެލާނަން...." މިހެން ބުނެފައި އަމީނު ހީގަތެވެ.

"އަމީން އަށް ކުޅަދާނަވިޔަސް އަހަންނަށްވާ ތިކަމެއް ނުވާނެ....އަހަންނަށް މިއުޅެނީ ފުރަތަމަ އަނބިމީހާއަށްވެސް އެންމެ ރަނގަޅަށް ޚަރަދު ނުކުރެވިގެން...." އަމީނުގެ ވާހަކަތަކަށް ތޮއްޔިބުގެ މާބޮޑު ޝައުޤެއް ނެތެވެ.

"ހަމަގައިމުވެސް އަހަންނަށް ލިބުނު ފުރުޞަތެއްނަމަ އަހަރެން ހިފީމުސް....ސޯބިރާ ހުތުރެއްވެސް ނޫނެއްނު...ސީރިއަސްކޮށް ނޫނަސް ސައިޑެއްގަ ގެންގުޅެލަން ކިތަންމެހާވެސް ރަނގަޅު." އަމީނު ވާހަކަ ދެއްކީ މާބުރުގެ އުސޫލަށް ތާއީދުކޮށްފައެވެ.

"އަހަރެން ދެން އަމީން އާ ތިމައުޟޫއަށް ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫން...." އަމީނުގެ ވާހަކަ ހުރިގޮތުން ތޮއްޔިބު ކޮންމެވެސް ވަރަށް ނުރުހުންވިއެވެ. މިހާރު އަމީނު އެބީދައިން ވާހަކަ ދެއްކިޔަސް މީގެކުރިން އަމީނަކީވެސް އެފަދަ ކަންތައްތަކަށް އިންތިހާއަށް ރުޅިއަންނަ އެފަދަ ނޭދެވޭ ކަންތައްތައް ހުއްޓުވަން މަސައްކަތްކުރާ މީހެކެވެ.

އެހެން ނަމަވެސް މިއަދު އޭނާގެ ހުރިހާ ކަމެއްވެސް އެވަނީ ބަދަލުވެފައެވެ. ރަނގަޅު ކަންތައްތަކަށްވުރެން އޭނާއަށް އިސްކަންދެވެނީ އެފަދަ ކަންތައްތަކަށެވެ.

ތޮއްޔިބު ސޯބިރާގެ ހުށަހެޅުން ސިއްރެއްގެ ގޮތުގައި އަޒުމާއަށްވެސް ކިޔައިދިނެވެ. އަޒުމާ އޭނާގެ ބުއްދީގެ ބޭނުން ފުރިހަމަގޮތުގައި ކޮށް އެކަމާ އަޅާނުލުމަށް ތޮއްޔިބަށް އޭނާ ވިސްނައިދިނެވެ. ތޮއްޔިބު އަޒުމާގެ ނަސޭހަތުގައި ހިފުމަށް އަޒުމް ކަނަޑައެޅި ނަމަވެސް ތަޤްދީރު ރޭވެމުންދާގޮތް ކުރިން އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާ ކިތަންމެ އަޒުމް ކަނޑައެޅި ނަމަވެސް ތަޤްދީރުގައި ލިޔެފައިވާގޮތް ނޫން ގޮތެއް މެދުވެރިއެއް ނުވާނެއެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް އައިސް ސޯބިރާ އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. އޭނާ ވައްކަޅިން ތޮއްޔިބާ ދިމާއަށް ބެލިނަމަވެސް ހަތަރުކަޅި ހަމަކޮށް ތޮއްޔިބާއި އަމީން އާ ދެމީހުންކުރެން މީހަކާ ދިމާއަށްވެސް ބަލައިލާކަށް އޭނާއަކަށް ނުކެރެއެވެ.

"ސޯބިރާ...ހާދަ މޮޅިވެފައި...." ޚިޔާލަކަށް ގެއްލިފައި ހުރި ސޯބިރާ ސިހުނީ އަމީހު ނިކަން ގާތަށް އައިސް އޭނާއާ ވާހަކަ ދައްކަން ފެށީމައެވެ.

"އެކަނިވެރިން ކުރާނީ އެއްޚިޔާލުތަކެއް.....ވިސްނޭނީ އެކަނިވެރިކަމާއި ދުރަށް ދެވޭނެގޮތަކާ ދޭތެރޭ...." ސޯބިރާ އެމޭޒާ ވިއްސަކަށް ފޫޓް ދުރުގައި ހުރި މޭޒުގައި ހުރި ތޮއްޔިބާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

"އަމީނު ފޯނެއް....." ތޮއްޔިބުގެ އަޑު އިވުމުން އަމީނު އިތުރަށް ސޯބިރާއާ ވާހަކަ ނުދައްކައި އޭނާގެ މޭޒާ ދިމާއަށް ހިނގައިގަތެވެ. އޭރު ތޮއްޔިބު އެކޯލު އަމީނު އަށް ޕާސްކުރިއެވެ. އަމީނު އަވަސް އަވަހަށް ގޮސް ފޯނު ނެގިއެވެ.

"އާނ...މަންމާ.....ކިހިނެއްވީ؟ ފޫޅުމައިމީހާވެސް ގޮވައިގެންތަ ދާންވީ؟" ގުޅީ އަމީނުގެ މަންމައެވެ. ސާރާ ބަނޑުގައި ރިއްސާވަރުން އުޅޭތީއެވެ. އެހެންވެ އޭނާ އަވަސް އަވަހަށް މިދަނީއޭ ބުނެފައި ގެއަށް ދިއުމަށްޓަކައި ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ވީކިހިނެއްހޭ؟ އަހަމުން ތޮއްޔިބުވެސް ނުކުމެއްޖެއެވެ. އެމީހުނަށް ގެއަށް ދެވުނުއިރު ސާރާ ބަނޑުގައި ރިއްސާތީ ހަމަ އެނބުރެނީއެވެ.

"ތޮއްޔިބު އެތެރެއަށް ވަދޭ އަހަރެން އެބައަންނަން. ފޫޅުމައިމީހާ ގޮވައިގެން...." ތޮއްޔިބު ގެއަށް ވައްދާފައި އަމީނު ހިނގައިގަތެވެ. އޭގެކުރިން ވިހަން ހޮސްޕިޓަލަށް ދިއުމަށް ތޮއްޔިބު އަމީނު އަށް ޚިޔާލު ދިނެވެ. ނަމަވެސް އެއީ މާކުރިއްސުރެންވެސް އަމީނު ނުކުރަން ނިންމާފައިވާ ކަމެކެވެ. އޭނާގެ ހުންނަނީ ކުރީގެ ބޯދާ މުސްކުޅި ޚިޔާލުތަކެވެ. ތޮއްޔިބު އެވާހަކަ ދެއްކީމާ އޭނާ ބުނީ ފޫޅުމައިން (ބޭކެނބިން) ނަށް އޮންނަންޖެހޭ މާކެޓް އޮންނަންވާނެ ކަމަށެވެ. އެހެންނޫނީ އެމީހުން ބާކިވެ ހުރިހާ ފުރުސަތެއް ޑޮކްޓަރުންނަށް ހުސްވާނެ ކަމަށެވެ. އެއީ އޭނާގެ ޚިޔާލެވެ.

"ހޮސްޕިޓަލަށް ގެންދިޔަނަމަ ހުރިހާ ކަމެއް ނިމުނީހެއްނު.....މިޒަމާނުގައި މީހުން ގޭގައި ވިއްސާތަ؟" ތޮއްޔިބު ވާހަކަ ދެއްކީ އަމީނުގެ މަންމައާ އެވެ.

"އަހަރެން ތިމަޝްވަރާ ކުރީމޭ. އެކަމަކު އެސޮރު އެގޮތެއް ހިތްހަމައެއް ނުޖެހުނިއްޔަ." ބޭކެނބިދައިތަ ޒަހީރާ އައިސްވަނީ އެވަގުތުއެވެ.

"ޒަހީރާއްތަ ކޮބައިތަ އަމީނު...." ޒަހީރާ ވަނުމާއެކު ތޮއްޔިބު އެއްސެވެ.

"އެސޮރު އަހަރެންގެ ކުރީގައި ހުރެގެން އައި. ނާދޭތަ އަދި." ޒަހީރާ ބަނޑުގައި ރިއްސާތީ އެނބުރި އެނބުރި އޮތް ސާރާ އޮތް އެނދުގެ މަގަތުގައި އިށީނދެ ސާރާގެ ބަނޑުގައި ހިފަހައްޓާލަމުން ބުންޏެވެ.

"ދައްތާ.....އަހަރެންގެ ބަނޑުގައި ނިކަން ބާރަށް ހިފާބަލަ.....އަހަރެންގެ ބަނޑުގައި ދަރިފުޅު ވިކަނީ....އައްދިއްޔޯއި.....މަންމާ...." ސާރާ ބާރުބާރަށް ރޮމުން ދިޔައެވެ. ޒަހީރާ އެދުނީ ތޮއްޔިބާއި ދެން އެތާތިބި އެންމެން ކޮޓަރިން ނުކުމެ ބޭރުގައި މަޑުކުރުމަށެވެ.

އަމީނުގެ މަންމަ ރަޒިއްޔާއާއި ބައްޕަ ޒުބައިރުގެ އިތުރުން ސާރާގެ ބައްޕަ ހަސަން މަނިކާއި މަންމަ ހުސްނާވެސް ޒަހީރާގެ ބުނުމަށް ކޮޓަރިން ނުކުމެ ބޭރުގައި މަޑުކުރިއެވެ. ތޮއްޔިބުވެސް މެދުގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

"އަމީނު އެވަނީ ކޮންތާކަށްބާ؟" ރަޒިއްޔާއަށް މެދުގޭތެރޭ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލެވުނެވެ. އެވަގުތު ޒަހީރާ (ފޫޅުމައިމީހާ) ކޮޓަރިދޮރު އެތެރެއިން ތަންޑު އެޅުވިއަޑު އިވުނެވެ. އެއިރުވެސް ސާރާގެ ކުކުރުމުގެ އަޑުވެސް އިވެއެވެ.

"އަދިވެސް އަމީނު ނާދޭދޯ؟ އޭނަ ދިޔައީ އަހަރެން ބުނެގެން އެއްޗެއް ބަލައޭ....އެކަމަކު އަހަރެން ބުނިން އަހަންނަށް ވުރެން ކުރީގައި އަންނާށޭ....." އިރުކޮޅެއްފަހުން ޒަހީރާ ދޮރު ހުޅުވާފައި ބޭރަށް ބޯދިއްކޮށްފައި ބުންޏެވެ. ބޭރުގައި ތިބި މީހުން ނާދެއޭ ބުނީމާ އޭނަ އަނެއްކާވެސް ދޮރު ތަންޑު އަޅުވައިފިއެވެ.

ދެން އިވުނީ ކުޑަކުއްޖަކު ރޯންފެށި އަޑެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު އެންމެން ހިމޭންވެ މޫނުމައްޗަށް އުފާވެރިކަން ވެރިވެގަތެވެ. އެންމެންނަށް އެއްފަހަރާ ކޮޓަރިދޮރާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. ނަމަވެސް އިސާހިތަކު އެތެރެއިން ކުޑަކުއްޖާގެ ރުއިމުގެ އަޑު ކެނޑިއްޖެއެވެ. ތޮއްޔިބު ގަޑިއަށް ބަލައިވެސްލިއެވެ. އެއަށްފަހު އޭނާ އަމީނު އާދޭތޯ ދޮރާއްޓާ ދިމާއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އަނެއްކާވެސް ކޮޓަރިތެރެއިން ކުޑަކުއްޖަކު ރޮއިގަތް އަޑު އިވުނެވެ. އެންމެފަހުން ހުސްނާއަށް ކެތް ނުކުރެވިގެން ގޮސް އޭނާ ދޮރުގައި ޓަކިޖަހާލިއެވެ.

"ކެތްތެރިވޭ ދެން މާގިނައިރެއް ނުވާނެ." އެތެރެއިން ޒަހީރާގެ އަޑު އިވުނެވެ. އެއަށްފަހު މާގިނައިރެއް ނުވެއެވެ. އޭނާ އައިސް ކޮޓަރި ދޮރު ހުޅުވިއެވެ. އެއާއެކު އެތާތިބި އެންމެންވެސް ކޮޓަރިއަށް ވަނުމަށްޓަކައި ހިނގައިގަތެވެ.

"އެމަންޖެއާ ދަރިފުޅުގެ ހާލު ރަނގަޅުތަ؟" ހަސަން މަނިކަށްވެސް ނުހުރެވުނެވެ.

"ދެމައިންގެ ހާލުވެސް ރަނގަޅު....ފިރިހެން ކުއްޖެއް.....އެކަމަކު .....އެކުއްޖާ.....ގެ ގައިގައި އަދި އެކަކުވެސް އަތްނުލާތި....." އެންމެން އެތެރެއަށް ވަނުމަށް އިޝާރާތް ކުރަމުން ޒަހީރާ ބުންޏެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ހުސްނާ ދުއްވައިގަތީ އެއްފަރާތެއްގައި ހުރި ކުޑަ އެނދުގައި އެއްފަރާތް ފޮތިގަނޑަކުން ނިވާކޮށްފައި އޮތް އޭނާގެ މާމަ ދަރިފުޅު އޮތް އެނދާ ދިމާއަށެވެ. އެތުއްތު ދަރިފުޅުގެ މޫނުންވެސް އެއްފަރާތް ވަނީ އެފޮތިގަނގުން ނިވާކޮށްފައެވެ.

"އެއްވެސް މީހަކު މީހުންއުޅޭ މަޖިލިސްތަކުގައި ތިފޮތިގަނޑު ނުނަގާތި....އިހަށް އަހަރެން ގޮސްލަނީ...." ޒަހީރާ ހިނގައިގަތެވެ. ޒަހީރާ ގެއިން ނުކުތްތަނާ ދެން ފެނުނީ އަމީނު އައިސް ކޮޓަރިއަށް ވަންތަނެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް އަސަރެއް ފާޅެއް ނުވެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައި ވާހެނެވެ.

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 97 އިން 100 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން