އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން | ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން | ފޮޓޯ: އެމްޑީޕީ
ރައީސް މުޙައްމަދު ނަޝީދުގެ އިންކްއަރީ ރިޕޯރޓުން ހުށަހަޅާފައިވާ އެންމެހައި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުމުގެ މަސައްކަތް، ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވަގުތުން ފެށުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ޙަމަލާއާ ގުޅޭ ޕާލިމެންޓަރީ އިންކްއަރީއެއް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ހައްދަވައި، ރައްޔިތުންގެ މަޖިލީހުން އެ އިންކްއަރީގެ ރިޕޯރޓް ފާސްކުރައްވާފައިވާތީ، އެ ޕާރޓީން އެކަމަށް މަރުޙަބާ ކިޔާ ކަމަށެވެ.

އަދި ޓެރަރިޒަމާއި ދީނީގޮތުން ހައްދުފަހަނައަޅާ ދިއުމުގެ ބޮޑު މައްސަލައަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ވާއިރު، އިންކްއަރީ ރިޕޯރޓުން ހުށަހަޅާފައިވާ އެންމެހައި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުން، ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވަގުތުން ފެށުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގާފައިވަނީ ވަރަށް ފުރިހަމަ އަދި ތަފްސީލީ އިންކްއަރީ އެއްކަމަށާއި، އެ އިންކްއަރީގެ ތެރެއިން ވަރަށް ގިނަ ހޯދުންތަކެއް ހޯދައި އެ ރިޕޯރޓްގައި ހިމަނާފައިވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

"މިގޮތުން، ރައީސް މުޙައްމަދު ނަޝީދަށް ޙަމަލާދިނުމަށް މެދުވެރިވި ސަބަބުތަކާއި، ސެކިޔުރިޓީ އަދި އިންޓެލިގެންސް ފޫއަޅުވާލި ގޮތް އެ އިންކްއަރީ ރިޕޯރޓްގައި ފާހަގަކޮށްދެއްވާފައިވުމަކީ ވަރަށް މުޙިއްމު ކަމެއްގެގޮތުގައި ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގާފައިވާ އިންކްއަރީ އިން 46 ރެކޮމެންޑޭޝަނެއް ހުށަހަޅާފައިވާއިރު އެއިން ކޮންމެ ރެކޮމެންޑޭޝަނަކީ، އިންކްއަރީއަށް ފާހަގަވެފައިވާ ކަންތައްތަކާ ގުޅިގެން، އެކަންތައްތައް އަލުން ތަކުރާރުވިޔަ ނުދިނުމަށް ހުށަހަޅާފައިވާ، ނުހަނު މުޙިއްމު ރެކޮމެންޑޭޝަންތަކެއް ކަމަށެވެ. އަދި އެއީ މި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ތަންފީޒުކުރަންޖެހޭ ރެކޮމެންޑޭޝަންތަކެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން