ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި ދިފާޢީ ވަޒިރު މާރިޔާ އަޙްމަދު ދީދީ (ވ)
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް (ކ) އާއި ދިފާޢީ ވަޒިރު މާރިޔާ އަޙްމަދު ދީދީ (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި މިނިސްޓަރ މާރިޔާ އިހްމާލުވީކަން އިކުއަރީ ރިޕޯޓުން ފެންނަން އޮތް ނަމަވެސް، ނަންވާނީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން ކަމަށް، އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކޮށްފައިވާ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީގައި މިނިސްޓަރ މާރިއާ ވިދާޅުވެފައިވަނީ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ފަރާތުން ލިބުނީ ފޯނު ކޯލެއްކަމަށާއި، އެއީ މައުލޫމާތެއް ނޫންކަމަށެވެ. އަދި އެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމަށް އިލްޔާސް ގާތުގައި އެދިވަޑައިގެންނެވި ކަމަށް މާރިއާ ވިދާޅުވެފައިވެއެވެ. ނަމަވެސް ފުލުހުންނާއި މައުލޫމާތު ހިއްސާކުރުމަށް މާރިއާ ވިދާޅުނުވާކަމަށް ބުނެ އިލްޔާސް ވަނީ ކޮމިޓީއަށް މައުލޫމާތު ދެއްވާފައެވެ.

އެކަމާ ގުޅިގެން މަލީޙް ވިދާޅުވީ، މަޖިލީހުގެ އެމްޑީޕީގެ ސުޕަރ މެޖޯރިޓީއަށް ނާޤާބިލް ވަޒީރުންނަށް ފިޔަވަޅު އަޅަން ނުކެރި އެކަކު އަނެކަކަށް ފިނޑި ސުޕަރ މެޖޯރިޓީއެކޭބުނެ ދިމާކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ރަނގަޅު ވަޒީރުން ކަތިލާ ކާޅަށް ކާންދޭއިރު ރައީސް އިންނަވަނީ ފިޔަވަޅު ނާޅުއްވައި ބައްލަވަން ކަމަށް މަލީޙް ވިދާޅުވިއެވެ.

"އެމްޑީޕީ ވަޒީރުންގެ ނާގާބިލްކަމުގެ ނަތީޖާ އޭރުވެސް މިހާރުވެސް އެބަފެނޭ. ނަންވަނީ ކޯލިޝަން ޕާޓީތަކުގެ ވަޒީރުން." މަލީހް ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިޒަމާ ގުޅުންހުރި މުހިއްމު މައުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއެއްގެ މަސައްކަތުގެ ތެރެއިން ލިބިއްޖެނަމަ، ލަސްނުކޮށް އެމައުލޫމާތެއް ކަމާއި ގުޅޭ އިންޓެލިޖެންސް އިދާރާއަކާއި ހިއްސާކުރަންޖެހޭނެއެވެ.

ކޮމިޓީ ރިޕޯޓްގައި ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުގެ ފަރާތުން ލިބުނު މައުލޫމާތަކީ އެމްއެންޑީއެފްގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް ފިޔަވަޅު އަޅަންޖެހޭ މައުލޫމާތުތައްކަމަށް އިންކުއަރީއަށް ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި މިއީ އަޅާނުލައި ދޫކޮށްލަންޖެހޭ މައުލޫމާތުތަކެއް ނޫންކަމަށް ޑިފެންސް މާހިރުންވެސް ވިދާޅުވެފައިވާކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މިމައުލޫމާތު ކަމާއިބެހޭ ފަރާތްތަކަށް ފޯރުކޮށްދިންނަމަ، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްތައް ކުރެވުނީސްކަމަށްވެސް ޑިފެންސް މާހިރުންނާއި ހަވާލާދީ ރިޕޯޓްގައި ބުނެފައިވެއެވެ.

241 ކޮމިޓީގެ ރިޕޯޓްގައި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބުމުންވެސް އެކަމާއި މެދު ފިޔަވަޅެއް ނާޅާ ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށްވެސް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން