ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
މެލޭޝިޔާގެ އިސްލާމިކް ޔުނިވަރސިޓީގެ އެލަމްނައި ލީޑަރޝިޕް އެވޯޑް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް އަރުވައިފިއެވެ.

ޑރ. ޝަހީމް މިއަދު ވިދާޅުވީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އެލަމްނައިގެ ތެރެއިން، ފާހަގަކޮށްލެވޭ ޚިދުމަތާއި ލީޑަރޝިޕް އެވޯޑް 2021 އަށް އެމަނިކުފާނު އިޚުތިޔާރުކުރައްވާފައިވާކަން ޔުނިވަރސިޓީއިން މިއަދު އަންގަވާފައިވާ ކަމަށެވެ.



ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޢުލީމު ޙާޞިލްކުރެއްވީ ދިވެހި ރާއްޖެއާއި ޕާކިސްތާނާއި މިޞްރާއި ސަޢޫދީ ޢަރަބިއްއްޔާއާ އަދި މެލޭޝިޔާއިންނެވެ. މިގޮތުން ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އަލްޖާމިޢަތުލް އަޝްރަފިއްޔާގައި ކީރިތި ޤުރުއާން ހިތު ދަސްކުރުމަށް ފަހު، އިމާމު އަބޫ ޙަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކުރެއްވިއެވެ. އަދި އެއަށް ފަހު، މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގެ ދަށުގައި ހުންނަ މަޢުހަދުއް ދިރާސާތިލްޚާޞާގައި އިތުރަށް ޢަރަބި ބަސް އުނގެނިވަޑައިގެންނެވުމަށް ފަހު، ސަޢޫދީ ޢަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާގައި ފިޤުހު އުޞޫލުލްފިޤުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރެއްވިއެވެ.

އެއަށްފަހު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގައި، މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) ޙާޞިލުކުރަށްވައި، ހަމަ އެކުއްލިއްޔާގައި ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިޤުހު އެންޑް އުޞޫލުލްފިޤުހު) (ޕީއެޗްޑީ) ޙާޞިލްކުރަށްވާފައިވެއެވެ.

ޑރ. ޝަހީމް އަދާކުރަށްވާފައިވާ މަޤާމުތަކުގެ ތެރޭގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކިއެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ޑރ. ޝަހީމް ކުރަށްވާފައިވެއެވެ.

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ޑރ. ޝަހީމްގެ ނަން ހިމެނިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހެޔޮއެދޭ މީހާ

16-Jul-2021

މަރްޙަބާ



ޓްރެންޑިން