ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު
އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން އެކަމަނާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ، އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އެޑްރެސް ކުރަންޖެހޭ ބައިނަލްއަޤުވާމީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ މައްސަލަތައް ޙައްލު ކުރުމުގައި، މެންބަރު ޖީހާންގެ ޤާބިލްކަމާއި ހުނަރުވެރިކަން ދައްކަވާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރަށްވާ ކަމަށެވެ.



ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނެފައިވަނީ، އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުކަމަށް ޖީހާން އިންތިޚާބުވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ޖީހާނަށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށް ރައީސް ނަޝީދު ވަނީ ޝުކުރު ދަންނަވާފައެވެ.

ޖީހާނަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމެޓީގެ މުގައްރިރު ވެސް މެއެވެ. އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރުކަމަށް ޖީހާންގެ ނަން ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އޭޝިޔާ ފެސިޕިކް ގްރޫޕުން ޖީހާން އެކޮމެޓީއަށް އިންތިހާބު ވެފައިވާއިރު، މިއީ ރާއްޖޭގެ މަޖިލީސް މެންބަރަކު އެ ކޮމެޓީގެ މެންބަރުކަމަށް އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން