ކޯވިޑާ ގުޅިގެން މަގުމަތި ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރި ވަނީ
ކޯވިޑާ ގުޅިގެން މަގުމަތި ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރި ވަނީ
އީދު ފާހަގަކުރުމަށް ރަށުން ބޭރުން މީހުން ގެނެސްގެން ޙަރަކާތްތައް ނުބޭއްވުމަށް އެޗްޕީއޭ އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިރޭ ނެރެފައިވާ އިޢުލާނެއްގައި، ކޯވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރު ކުރުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޚާއްޞަ ގޮތެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ބުނީ، ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން) ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމާއި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުމަށް އަންގާ ކަމަށެވެ.

އޭގެ އިތުރުން ގިނަމީހުން އެއްވެގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމާއި، އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ޙަރަކާތްތައް އިޚްތިޔާރުކުރުމުގެ އިތުރުން އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ޙަރަކާތްތައް ނުބޭއްވުމަށް ވަނީ އަންގަވާފައެވެ.

ހަމައެއާއެކު ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށާއި، ކެފޭ ރެސްޓޯރަންޓް ތަކާއި، ފިހާރަތަކާއި، ޕާރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުމަށް އިރުޝާދު ދީފައިވެއެވެ.

ކޮވިޑް-19 ފެތުރުމުގެ ޙާލަތު ރަގަޅުވެފައިވާ މި ދަނޑި ވަޅުގައި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން