ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
މިމަހު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 25،593 ފަތުރުވެރިން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަޢުލޫމާތު ހާމަކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 536،142 ފަތުރުވެރިންނެވެ. މި ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކުރި ޢަދަދު ވަރަށްބޮޑަށް ދަށްވެފައިވާއިރު، މި މަހު ޒިޔާރަތް ކޮށްފައިވަނީ 25،593 ފަތުރުވެރިންނެވެ. ޖެނުއަރީމަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީމަހު 96،882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މާރޗް މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 109،585 ފަތުރުވެރިންނެވެ. މިމިދިޔަ އޭޕްރީލް މަހު 91،200 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރީ، 64،613 ފަތުރުވެރިންނެވެ. އަދި މިދިޔަ ޖޫން މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 56،166 ފަތުރުވެރިންނެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް 24.4 އިންސައްތައިގައި ހުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން ޙިއްސާކުރަނީ 16.8 އިންސައްތަ ފަތުރުވެރިންނެވެ. މިއަހަރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލަކު ޒިޔާރަތް ކޮށްފައިވަނީ، 2،807 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 741 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން 154 ރިސޯޓަކާއި، 140 ސަފާރީގެ އިތުރުން 10 ހޮޓަލަކާއި، 437 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 48،454 ބެޑް ކެޕޭސިޓީއެވެ. އަދި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީއަކީ 36،438 އެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ، މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ އަންދާޒާކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ، ދިވެހިންނަށް ވެކްސިން ޖަހައިދީ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ޖަހައިދިނުމަށް ބޭނުންވާ ވެކްސިން ސަޕްލައި ސިންގަޕޫރުން ހޯދުމަށް މިހާރު އޯޑަރު ދީފައިވާނެ ކަމަށާއި، މި ވެކްސިން ސަޕްލައިން ލިބުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ހުންނާނެ ކަމަށެވެ. އަދި މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 99 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން