ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ރައްޔިތުން އަތްޖަހާނީ މީހާއަކަށްނޫން ކަމަށާއި، ރައްޔިތުން އަތްޖަހާނީ މެނިފެސްޓޯއަށް ކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަމަށް ވިދާޅުވެ، ސިޔާސީ ގޮތުން އެމަނިކުފާނާއި ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތެދުވެ ވަޑައިގެންފައިވާ މި ދަނޑިވަޅުގައި ޑރ. މައުސޫމް ވިދާޅުވީ، ރައްޔިތުން އަތްޖަހާނީ މީހާއަށްނޫން ކަމަށާއި، އެމީހާ ގެންގުޅޭ މެނިފެސްޓޯއަށް ކަމަށެވެ.

ހަމައެއާއެކު، 2023 ގެ އިންތިޚާބާ ދިމާކޮށް މުޅިން އާ ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސްސަފުގައި މަސައްކަތް ކުރަށްވާ ބައެއް ބޭބޭފުޅުން ކުރަށްވަމުން ގެންދަވާތީ އެކަމަށްވެސް ޑރ. މައުސޫމް ވަނީ އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ރިޔާސީ އިންތިޚާބު ބާއްވަން ބާކީ އޮތީ 2 އަހަރާ 2 މަސްކަން ފާހަގަ ކުރަށްވައި ޑރ. މައުސޫމް ވިދާޅުވީ "ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހާ، ބޯކޮންތިލަވާން ފެށުމަކީ 2023ގެ ރިޔާސީ އީދުގެ ފޯރީގެ ކޮޅުމަތި." ކަމަށެވެ.

ރައީސް ޞާލިޙާއެކު ދެން ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް، އެކަމަށް ސަމާލުކަމެއް ދެއްވުމެއްނެތި ރައީސް ޞާލިޙްގެ ފަރާތްޕުޅުން ރައީސްއޮފީހުގެ ތަރުޖަމާނު އިއްޔެ ވިދާޅުވެފައިވަނީ، ރައީސްގެ ހުރިހާ ވިސްނުން ފުޅެއްވެސް މިވަގުތު ހުރީ އެމަނިކުފާނުގެ ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ. އެކަމާ ގުޅިގެން ޑރ. މައުސޫމް ވިދާޅުވީ، އެކަމުންވެސް ދޭހަވަނީ ރައީސް ޞާލިޙަކީ ޑިމޮކުރަސީ ރަނގަޅަށް ފަހުމުވެވަޑައިގަންނަވާ، ޑިމޮކްރަސީއާ ރައްޓެހި ލީޑަރެއްކަން ކަމަށެވެ.

"ރައީސް ޞާލިޙްގެ ހުރިހާ ފޯކަސްއެއް އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ވައުދުފުއްދަން ހުރުމުން ދޭހަވަނީ އެމަނިކުފާނަކީ ޑިމޮކުރަސީ ރަނގަޅަށްފަހުމުވެލައްވާ، ޑިމޮކުރަސީއާ ރައްޓެހި ލީޑަރެއްކަން." ޑރ. މައުސޫމް ވިދާޅުވެފައިވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާމުހިންމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޔާމީނާއި ޕީޕީއެމުން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން." ރަައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަށް ބޮޑުވެ ޕާޓީ މިހާރު ވަނީ ދެބައިވެފައެވެ. އޭގެތެރެއިން އެއްބަޔަކު އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިޙަށް ތާއިދުކުރާއިރު އަނެއް ބަޔަކު ތާއިދުކުރަނީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށެވެ. ނަމަވެސް ޕާޓީގެ މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތު އޮތީ ރައީސް ޞާލިހުގެ ފަޅީގައި ކަމަށް އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ފާޅުގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން