އިބްރާހިމް އިސްމާޢީލް (އިބްރާ) ކ. އާއި ރައީސް ނަޝީދު
އިބްރާހިމް އިސްމާޢީލް (އިބްރާ) ކ. އާއި ރައީސް ނަޝީދު
ރައީސް ނަޝީދުގެ ބަސްމަގު މިހާރު ހުރިގޮތުން، ފަޓުލޫނު ލަނީވެސް ކީއްކުރަންބާއޭ ބައެއްފަހަރު ހިތަށް އަރާވަޑައިގަންނަވާ ކަމަށް ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސްކަންވެސް ކުރަށްވާފައިވާ އިބްރާ މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ޞާލިޙާއެކު ސިޔާސީ ގުޅުން ކަނޑާލައި ސިޔާސީ ކަންކަމުގައި ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިންގެ އެހީތެރިކަން ހޯއްދަވާނެކަމަށް ވިދާޅުވެ ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ކޯލިޝަން ކަމުނުދާ ކަމަށް އެމްޑީޕީގެ ވެރިން އިއްޔެ ވިދާޅުވަމުން ގެންދެވި ކަމަށާއި، ނަމަވެސް މިހާރު ޕީޕީއެމާއި ރައީސް ޔާމީނާއެކު ކޯލިޝަން ހަދަން އެމްޑީޕީގެ ބަޔަކަށް އޯކޭ ވެއްޖެ ކަމަށް އިބްރާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަރަށް ހިނިއަންނަ ޒާތުގެ ވާހަކައެއްކަން އިބްރާ ފާހަގަ ކުރެއްވިއެވެ.

"ހިތަށް އަރާ ފަޓުލޫނު ލަނީވެސް ކީއްކުރަން ބާއޭ." އިބްރާ ވިދާޅުވެފައިވެއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާމުހިންމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން، މަޖިލީހަށް ހުށައެޅި ނަފުރަތު އުފެއްދުމުގެ ކުށްތައް ކަނޑައަޅާ ބިލް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެންވެސް އިބްރާ ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން އިބްރާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް "ސެކިއުލަރ" ބިލެއް ހުށައެޅިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުށައަޅައިގެން އުޅެނީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް މުސްލިމެއް ނޫނޭ ބުނުން ކުށަކަށް ހަދާ ބިލެއް ކަމަށާއި، އެއީ އިސްލާމީ ހަމަތަކުން ބަލާއިރު "ދީނީ ބިލެއް" ކަމަށް އިބްރާ ވިދާޅުވިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޔާމީންގެ އެހީތެރިކަމަށް ސިޔާސީ ގޮތުން އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.

އެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ލލ

16-Jul-2021

އިބޫ ދޮންބެ އާއި އެކު ނޫޅެވުނު މީހަކަށް ރައްޔިތުންނާއި އެކު އުޅެވިދާނެބާ ؟



ޓްރެންޑިން