ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ ކަންބޮޑުވުމާ އެއްގޮތަށް އެމްޑީޕީން ދީލާލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިމޭރުމުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ލީޑާޝިޕުން ބޭނުންވަނީ ހަމައެކަނި ޑިޕްލޮމަސީއާއި ދޫދިނުން ނޫން ކަމަަށާއި، އެމްޑީޕީގެ ޤަބޫލުކުރުންތަކުގައި ސާބިތުކަންމަތީ ހިފަހައްޓައި އެ ޕާޓީން ޤަބޫލުކުރާ އަސާސްތައް ނަގަހައްޓަންޖެހޭ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން އެމްޑީޕީގެ އަސާސްތައް ނަގަހައްޓަން ޖެހެނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ހަމަހަމަކަމާއި އިޤުތިޞާދީ ތަނަވަސްކަމަށްޓަކައި ކަމަށެވެ. އެގޮތުން ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ކުށްތައް ބަޔާންކުރާ ބިލު ފާސްކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ރީކޯ މޫސަ ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރާ ވަކިވާން ރައީސް ނަޝީދު ނަންގަވާ ބަހަނާއަކީ ނަފްރަތުގެ ކުށްތައް ބަޔާންކުރާ ބިލްކަމަށް ވާއިރު، އެމްޑީޕީގެ އެތައް މެމްބަރުންނާއި، އެތައް ކައުންސިލަކުން އެ ބިލާ ދެކޮޅަށް ބަޔާންތައް ނެރެފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުމާ އެއްގޮތަށް އެމްޑީޕީން ދީލާލަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީ އަކީ ރައްޔަތުންގެ އަޑުއަހާ ރައްޔަތުން އެދޭގޮތަށް ކަންކުރާންއޮތް ޕާޓީއެއް. ވީމާ އެމީހުންގެ ކަންބޮޑުވުން އަހައި، ބިލް ބަދަލްކުރަން ޖެހޭނެ." އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ވިދާޅުވިއެވެ.



ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނަށް އެންމެ ފަހުން ދިން މަރުގެ ހަމަލާއަށްފަހު އެ ހަމަލާގެ ފަހަތުގައިވާ ސަބަބު ސަރުކާރުން ދެނެގަތް ކަމަށެވެ. އެ ސަބަބަކީ ހަރުކަށި މީހުން އެހެން މީހުން އިސްލާމްދީނާ ޚިލާފު (އަންއިސްލާމިކް) ބައެއްގެ ގޮތުގައި ލޭބަލުކުރުން ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި މިފަދަ ލޭބަލްކުރުމުގެ ސަބަބުން ފަތުވާގެ ސިފައިގައި މަރުގެ ހުކުމެއް އިއްވާކަމަށް އެމަނިކުފާނު ވަނީ ތުހުމަތުކުރައްވާފައެވެެ.

އަދި ހަރުކަށި ވިސްނުމުގެ ހައްދުފަހަނައެޅި މީހުން އެ ފަތުވާ ތަންފީޒުކުރާ ކަމަށާއި، އެގޮތުން ޑރ. އަފްރާޝީމާއި ރިޟްވާނާއި ޔާމީން ރަޝީދުގެ ޤަތުލުތަކަކީ އެގޮތަށް ހިނގި ކަންކަން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މި ނަފުރަތުގެ އަމަލުތައް އަމާޒުވަނީ ސިޔާސީންނާއި ނޫސްވެރިންނާއި ޚިޔާލު ފާޅުކުރުމުގެ ހައްގު ބޭނުންކުރާ އާދައިގެ މީހުންނަށް ކަމަށްވެސް ރައީސް ނަޝީދު ނެރުއްވި ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދުގެ ބަޔާނަށް ރީކޯ މޫސަ ރައްދު ދެއްވާފައި ވާއިރު، ރީކޯ މޫސަ އަކީ މީގެ ކުރިން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ކަމާއި، ޕާޓީގެ ޗެއަރޕާސަންކަން ކުރަށްވާފައިވާ ބޭފުޅެކެވެ. ނަމަވެސް ސިޔާސީ ގޮތުން ރައީސް ނަޝީދާއި ދެމެދު އުފެދުނު ދެބަސްވުމެއްގައި އެމްޑީޕީން ވަކިކުރުމުން، ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމާއި ގުޅިވަޑައިގަތުމަށްފަހު ރައީސް ޞާލިޙާ ދެކޮޅަށް ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ރީކޯ މޫސައެވެ. ނަމަވެސް މިހާރު އަނެއްކާވެސް މޫސަ ފެންނަނީ ރައީސް ޞާލިޙަށް ވަރަށްބޮޑަށް ތާއީދު ކުރަށްވައި ތަޢުރީފު ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން