ސިޓީ ކައުންސިލްގެ މެންބަރުން ލޯކަލް މާރުކޭޓުގައި
ސިޓީ ކައުންސިލްގެ މެންބަރުން ލޯކަލް މާރުކޭޓުގައި
މާލޭ ސިޓީ ކައުންސިލުން މާލެއިން ދޫކުރާ ޕާކިން ޖާގައާއި އެކައުންސިލުން ހިންގާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓްގެ ގޮޅިތަކަށް އެދުމުގެ ފުރުޞަތު އިތުރުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، ގޮޅިތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.

ކައުންސިލުން ބުނީ، ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށެވެ. އެގޮތުން ޓެކްސް ދެއްކިކަމުގެ ލިޔުން ދޫކުރުމުގައި މުއްދަތެއް ނަގާކަމަށް ފާހަގަވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ކުރިން އިޢުލާންކޮށްފައިވަނީ އޮގަސްޓްމަހުގެ 2 ވަނަ ދުވަހުގެ 14:00 އަށް ގޮޅިތަކަށް އެދުމަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާގޮތަށެވެ.

މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، "ގަޑިކަމަރު" ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތާ 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.

ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ބަލައި ގުރުއަތުލާގޮތަށެވެ.

މާރުކޭޓް ގޮޅިތައް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ.

މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތަކަށް އެދުމުގެ ފުރުޞަތުވެސް މިއަދު ވަނީ އިތުރުކޮށްފައެވެ.

މިކަން ޢާއްމުކޮށް ސިޓީ ކައުންސިލުން ކުރި އިޢުލާނުގައި ވަނީ، އަގުދީގެން ޕާކްކުރާ ޖާގަތަކަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 14 ވަނަދުވަގެ މެންދުރު 14:00 ކަމަށެވެ. މިކަމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ކަމާގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތަށް ހޯދުމުގައި ދަތިތަކާ ކުރިމަތިވާތީ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ޕާކިންގ ޖާގަ ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ސަރަހައްދަކުން ޖުމްލަ 211 ޖާގައެވެ. އޭގެތެރޭގައި މަގުމަތީ ޕާކިންގ ތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިންގ ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މއ. ވައިދެރިޔާ ހިނގުން (އަމީނީމަގާ ކުރެދި ގޯޅިއާ ދެމެދު) 44 ޖާގަ، މ. ރާދަފަތި ހިނގުން (އަމީނީމަގާ ފަޅުމަތީމަގާ ދެމެދު) 21 ޖާގަ، މއ.ކުރެދި ގޯޅި ޖާގަ 10، މއ.ހުދުފަޅު ހިނގުން 8 ޖާގަ، މ. ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅި 20 ޖާގަ، މ. ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅި (ސްޓޭޑިއަމްފަޅި) 10 ޖާގަ، ޞަލާޙުއްދީން ޕާކިންގ 10 ޖާގަ، އާޓިފިޝަލް ބީޗް ޕާކިންގ 24 ޖާގަ، އަލިމަސްކާނިވާ ސަރަޙައްދު 6 ޖާގަ، ސަލްމާން މިސްކިތް ސަރަޙައްދު 58 ޖާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން