އަލްހާން ފަހުމީ | ފޮޓޯ: ޑރ.ޝަހީމް.ކޮމް
އަލްހާން ފަހުމީ | ފޮޓޯ: ޑރ.ޝަހީމް.ކޮމް
ރާއްޖޭގެ ޑިމޮކްރެޓިކް ސިސްޓަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު "އަންއިންސްޓޯލް" ކުރަން ޖެހޭ ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން، އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ، ރައީސް ނަޝީދު އުޅުއްވާގޮތުން ޑިމޮކްރަސީ އަކީ ކޯއްޗެއްކަން އޮޅޭހިސާބަށް ހިނގައްޖެ ކަމަށެވެ. އެހެންކަމުން "ސިސްޓަމް ރިސެޓްކޮށް ސިސްޓަމުން ރައީސް ނަޝީދު ބޭރުކުރަން ޖެހޭ ކަމަށާއި، މުޅި ސިސްޓަމުން ރައީސް ނަޝީދު އަންއިންސްޓޯލް ކުރަންޖެހޭ" ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ މިހާރު ރައީސް ނަޝީދު ސިފަކުރެވެނީ ޑިމޮކްރެޓިކް ސިސްޓަމްގެ ތެރެއިން އުފެދިފައި ހުރި ޑިކްޓޭޓަރެއްގެ ގޮތުގައި ކަމަށާއި، ރައީސް ނަޝީދުގެ ސަބަބުން ޑިމޮކްރެޓިކް ސިސްޓަމާ ދޭތެރޭ ރައްޔިތުން ކުރި އިތުބާރާއި އުންމީދު ގެއްލިފައިވާ ކަމަށެވެ. ރައްޔިތުން އެދުނީ ސިސްޓަމްގެ ތެރެއިން ވެރިކަން ކޮށްދިނުމަށް ކަމަށާއި، ނަމަވެސް ފެންނަނީ ސިސްޓަމާ ކުޅޭ މަންޒަރުކަމަށް އަލްހާން ވިދާޅުވިއެވެ.

"ސިސްޓަމާ ކުޅެވިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ސިސްޓަމެއް. ދެން ހަމަ ދެމީހަކު އެއްވެލާފައި ސިސްޓަމާ ކުޅެވިގެން ނުވާނެ." ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގެންނެވި އަލްހާން ވިދާޅުވިއެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ސިސްޓަމް އޮތީ ހައިޖެކް ކޮށްފައި ކަމަށާއި، ސިސްޓަމް މިނިވަންކުރަން ޖެހޭކަމަށް އަލްހާން ވިދާޅުވިއެވެ. ރާއްޖޭގެ ޑިމޮކްރެސީ ރިސެޓްކުރަންޖެހޭ ކަމަށާއި، ސިސްޓަމް ރަނގަޅުވާނީ އަލުން ރިސެޓްކޮށްގެން ކަމަށް އަލްހާން ވިދާޅުވިއެވެ. އަލްހާން ވިދާޅުވީ އެމްޑީޕީ ހިސޯރު ކޮށްގެން އުޅުއްވަނީ ރައީސް ނަޝީދު ކަމަށާއި، ޕީޕީއެމް ހައިޖެކް ކޮށްގެން އުޅުއްވަނީ ރައީސް ޔާމީން ކަމަށެވެ. އަދި މި ސިސްޓަމްގެ ތެރޭގައި އެހެން މީހަކަށް ފުރުސަތު ނެތުމަކީ މައްސަލައެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އެހެންވީމަ ރިސެޓް ކުރާއިރު ރައީސް ނަޝީދު އެބަޖެހޭ ބޭރަށްލާން. ރައީސް ނަޝީދު އަންއިންސްޓޯލް ކުރަން މި ޖެހެނީ. އޭރުން މިކަންވާނީ. އެއީ ޑިމޮކްރެޓިކް ސިސްޓަމެއްގެ ތެރޭގައި ޑިކްޓޭޓަރަކަށް އެކްސެސް ލިބެންޏާ މައްސަލަ ޖެހޭނެ." ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަލްހާން ވިދާޅުވިއެވެ.

އަލްހާން މިރޭ ވިދާޅުވީ، މާމައްޗަށް ކަންތައްތައް ނުދަނީސް ރައީސް ނަޝީދު މައިތިރިވާން ޖެހޭ ކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއަކީ ވެސް ރައީސް ނަޝީދުގެ ސަބަބުން ކުރިމަތިވީ ޙަމަލާއެއް ކަމަށް ވިދާޅުވެ އަލްހާން ދައްކަވާ ވާހަކަ މިރޭވެސް ވަނީ ތަކުރާރު ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން