އެމްޑީޕީގެ މަގުމަތީ ޙަރަކާތެއްގެ ތެރެއިން
އެމްޑީޕީގެ މަގުމަތީ ޙަރަކާތެއްގެ ތެރެއިން
އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކުރުމަށް އެޕާޓީގެ ޒުވާނުންގެ ހިތްވަރުން ގޮވާލައިފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން ރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ، ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލާނުޖެހުމަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތްކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުން އިސްކޮށް, ޕާޓީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމަށާއި، އެކަން ހާސިލުކުރުމަށް ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިޙްތިރާމްކުރުމަށް ޕާޓީގެ ޒުވާނުންގެ ހިއްވަރުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

"އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިއްމު އެއް އަސާސަކީ އަނިޔާވެރިކަމާއި ދެކޮޅުވުމެވެ. މިގޮތުން 2018 ގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާ މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދެވެ." ޒުވާނުންގެ ހިއްވަރުގެ ނޫސްބަޔާނުގައި ވެއެވެ.

ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރިގޮތަކަށް ގަތުލުކުރުމާއި ހަމައަށް ގެންގޮސް, ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމީހުންގެ ބޮލުގާ ވަކި ލޭބަލްތަކެއް އަޅުވާ, އެމީހުންނާއި މެދު މުޖުތަމައުގައި ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތް ކަމަށް އެ ބަޔާނުގައިވެއެވެ.

އަދި އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން ޕާޓީގެ ޒުވާނުންގެ ހިތްވަރަށް ސާފުކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން, ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް, މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް ޕާޓީގެ ޒުވާނުންގެ ހިއްވަރުން ދެކޭކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ނަފުރަތުގެ އަމަލުތައް ކަނޑައަޅައި އެފަދަ އަމަލު ތަކަކީ ބޮޑެތި ޖިނާއީ ކުށް ކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައެޅީ ހައެއް މޭގެ ޓެރަރިސްޓް ހަމަލާއަށް ފަހުގައެވެ. އެބިލުގައި މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ލާދީނީ ގޮވުން ނުވަތަ އެކަމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމަށް އަނޑައަޅާފައިވާއިރު އެ ބިލުގައި އިސްލާމް ދީނުގެ ޝިޢާރު ފާޅުކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއަޅާ ބައިތަކެއް ހުރިކަމަށް ބުނެ ގިނައަދަދެއްގެ ދީނީ ޢިލްމްވެރިންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިބިލު ފާސްކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ފިކުރާއި ޚިޔާލު ދެކަފިވެފައިވާތަން ފެނުމުން އެމްޑީޕީގައި ދެފެކްޝަނެއް އުފެދިފައިވާކަން ހާމަވެގެން ދިޔައެވެ. އަދި އެދުވަހުގެ ބަހުސްގައި ދެފެކްޝަންގެ މެދުގައި ވަރަށްބޮޑަށް ޚިޔާލު ތަފާތުވެ ބަހުގެ ހަމަލާތައްވެސް ބަދަލުކުރެވުނެވެ.

މިމައްސަލައިގައި އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށާއި ސީދާ ރައީސް ޞާލިހަށް ވެސް ވަރަށް ބޮޑަށް ފަޑުވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙާއެކީ ސިޔާސީ މަސައްކަތުގައި ހުންނެވެން ނެތްކަން އިޢުލާން ކުރަށްވައި ރައީސް ޞާލިހަށް ތާއީދު ނުކުރަށްވާކަމުގައި ވެސް ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން