ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން
ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން
ނަފްރަތުގެ ބިލަކީ ސަރުކާރު ހޫނުފެނަށް ލުމަށް ބޭނުންކުރާ ދަރަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު ސަޢުދު މި މޭރުމުން ވިދާޅުވެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓުދިނީ އެމްޑީޕީން މިނިވަންކަމަށް ކުރާ ލޯތްބާއި، ދިވެހިންގެ ދިރުންހުރި ސަގާފަތާއި ތަރިކައަށް ކުރާ ލޯތްބާއި އެ ޕާޓީގެ އުސޫލުތަކަށް ކަމަށާއި، ނަފްރަތުގެ ބިލް މަޖިލީހުން ފާސްނުކުރުމަކީ އެ އުސޫލުތަކަށް ސަރުކާރުން އިޙްތިރާމް ނުކުރުން ކަމަށް ރައީސް މުހަންމަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނުމާއި ގުޅިގެން އެކަމަށް ޖަވާބު ދެއްވަމުންނެވެ.

ސަޢުދު ވިދާޅުވީ، ނަފްރަތުގެ ބިލަކީ ސަރުކާރު ހޫނުފެނަށް ލުމަށް ބޭނުންކުރާ ދަރަކަށް ވެގެން ނުވާނެ ކަމަށާއި، ރައްޔިތުންނާއި، ދީނީ ޢިލްމުވެރިން ދެކޮޅު ހަދަމުންދާއިރު އެފަދަ ބިލެއް ގަދަބާރުން ފާސްކުރުމަކީ ވަރަށް ޚުދުމުހުތާރު ކަމަކަށް ވާނެ ކަމަށެވެ. އަދި އެބިލުން އިތުރަށް އުފަންވަނީ ނަފްރަތު ކަމަށް މެންބަރު ސަޢުދު ވިދާޅުވިއެވެ.

"ދީނީ ޢިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ މެޖޯރިޓީ މިބިލާއި ދެކޮޅު ހަދަމުންދާ ވަގުތެއްގައި މިފަދަ ބިލެއް ގަދަބާރުން ފާސްކުރުމަކީ ވަރަށް ޚުދުމުހުތާރު ކަމެއް." އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި މެންބަރު ސަޢުދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ ގިނަ މީހުންނަކީ "ޕްރޮގުރެސިވް" ނުވަތަ ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ގިނަ ދިވެހިންނަކީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިޤުތިޞާދީ ފުދުންތެރިކަމަށް ލޯބިކުރާ "މެދުމިން" ގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހިން ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެވޭކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން