ޞަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު (ކ) އާއި، ރީކޯ މޫސަ (ވ)
ޞަލަފް ޖަމިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު (ކ) އާއި، ރީކޯ މޫސަ (ވ)
ދީނުގެ ޙުކުމަކަށް ފުރައްސާރަކޮށްފިނަމަ ދީނުންބޭރުވާނެ ކަމަށް ވިދާޅުވެ ޖަމިއްޔަތުއް ޞަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކަށް ރައްދު ދެއްވައިފިއެވެ.

ޝައިޚް ޢަބްދުﷲ ރީކޯ މޫސާއަށް ރައްދު ދެއްވާފައި މިވަނީ، ތުނބުޅި ނުބެހެއްޓިޔަސް އިރާދަކުރެއްވިއްޔާ އެންމެކުރިން ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ސުވަރުގެ ވައްދަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވުމާ ގުޅިގެންނެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ތުނބުޅި ނުބެހެއްޓިޔަސް އޭނާ އުޅެނީ އިސްލާމްދީނުގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި އޭނާ އަކީވެސް ނަމާދުކޮށް ރޯދަހިފައި ޒަކާތްދޭ މުސްލިމެއްކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ތުނބުޅިއެއް ނެތް ކަމަށާއި، ތުނބުޅި ނުބަހައްޓާނެ ކަމަށާއި، ބެހެއްޓުމުގެ ވިސްނުމެއްވެސް ނެތްކަމަށް މޫސަ ވިދާޅުވިއެވެ.

މޫސައަށް ރައްދު ދެއްވަމުން ޞަލަފް ޖަމިއްޔާގެ ރައީސް ވިދާޅުވީ، ތުނބުޅި ބެހެއްޓުމުގެ އަމުރު އިސްލާމްދީނުގައި އޮތީ ފިރިހެނުންގެ މައްޗަށް ކަމަށާއި، ނަމާދުކޮށް، ރޯދަހިފުމަކީ މުސްލިމެއްކަން ދަލާލާތުކުރާ ސިއްކައެއް ނޫންކަމަށެވެ.

"ތުނބުޅި ބެހެއްޓުމުގެ އަމުރު އިސްލާމްދީނުގައި އޮތީ ފިރިހެނުންގެ މައްޗަށެވެ. ނަމާދުކޮށް، ރޯދަހިފުން އެކަންޏަކީ އެމީހަކު އިސްލާމެއްގެގޮތުގައި ދެމިހުރުމުގެ ސިއްކައެއް ނޫނެވެ. އެކަންކަން ކުރާމީހަކުވެސް، ދީނުގެ ޙުކުމަކަށް ފުރައްސާރަކޮށްފިނަމަ ދީނުންބޭރުވެދެއެވެ." ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

ރޭގެ ޕްރޮގްރާމްގައި މޫސަ ވަނީ ދިވެހިން ޖިހާދަށް ދާ މައްސަލައަށްވެސް އަލިއަޅުވާ ލައްވާފައެވެ. މޫސަ ވިދާޅުވީ ކިޔަވައިގެން މިރާއްޖެއަށް އަންނަ ދަންނަބޭކަލުންގެ ވެސް ޒިންމާއެއް އެބައޮތް ކަމަށާއި، ބައެއް ޢިލްމުވެރިން ދިން ތައުލީމުގެ ސަބަބުން އިސްލާމްދީނޭ ކިޔައިގެން، ކުޑަ ދަރިންތައް ގޮވައިގެން މީހުން ޖިހާދަށްގޮސްފައިވާ ކަމަށެވެ. އަދި މީހުންގެ ބުއްދި ފަސްވާގޮތްވަނީ މިސަބަބާއި ހެދިކަމަށާއި، ނަފްރަތުގެ ބިލާއި ދެކޮޅަށް ސޮއިކުރި 100 އިލްމުވެރިން އެފަދަ ފަރާތްތަކަށް އިސްލާމްދީނުގައި އޮންނަގޮތް ކިޔައިދޭންޖެހޭކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުން ބުއްދި ހުސްވެގެން ނޫޅޭކަމަށާއި، ޤާނޫނެއް ހެދިޔަސް ނުހެދިޔަސް ރާއްޖޭގެ ރައްޔިތުން މާތްވެގެންވާ އިސްލާމްދީން ދުލެއްނުކުރާނެ ކަމަށެވެ.

އެމްޑީޕީން ސިޔާސީ ހަޔާތް ފެއްޓެވި ރީކޯ މޫސާ މަނިކު އެޕާޓީން ވަކިކުރީ އެޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ޚިޔާލު ތަފާތުވެގެން ޖެހުނު މައްސަލަތަކުގެ ތެރޭގައެވެ. އޭގެފަހުން ޕީޕީއެމާއެކު ވެސް މޫސަގެ ސިޔާސީ މަސައްކަތް ފެނިގެން ދިޔައެވެ. އަނެއްކާ މިހާރު މޫސަ ފެންނަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަދައްކަވާ މަންޒަރެވެ. ޚާއްޞަކޮށް ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތަޢުރީފުކުރަށްވައި ރައީސް ޞާލިޙުގެ ދިފާޢުގައި މަސައްކަތް ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން