ޝައިޚް އަޙްމަދު ސަމީރު (ކ)، ޢަލީ ރަމީޒް (މ)، ޝައިޚް ޢަލީ ޒައިދު (ވ)
ޝައިޚް އަޙްމަދު ސަމީރު (ކ)، ޢަލީ ރަމީޒް (މ)، ޝައިޚް ޢަލީ ޒައިދު (ވ)
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ބިލް ވެގެން މިދިޔައީ ހައްޤާއި ބާތިލް ވަކިކުރި އެއްޗަކަށް ކަމަށް އިސްލާމްދީނުގެ ދަޢުވަތު ފެތުރުއްވުމުގައި ރާއްޖޭގައި އިސްކޮށް އުޅުއްވާ ބައެއް ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓުދިނީ އެމްޑީޕީން މިނިވަންކަމަށް ކުރާ ލޯތްބާއި، ދިވެހިންގެ ދިރުންހުރި ސަގާފަތާއި ތަރިކައަށް ކުރާ ލޯތްބާއި އެ ޕާޓީގެ އުސޫލުތަކަށް ކަމަށާއި، ނަފްރަތުގެ ބިލް މަޖިލީހުން ފާސްނުކުރުމަކީ އެ އުސޫލުތަކަށް ސަރުކާރުން އިޙްތިރާމް ނުކުރުން ކަމަށް ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެވޭކަށް ނޯންނާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން ވަނީ ރައީސް ނަޝީދަށް ރައްދު ދެއްވައި ނަފްރަތުގެ ބިލް ވެގެން މިދިޔައީ ހައްޤާއި ބާތިލް ވަކިކުރި އެއްޗަކަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޢަދާލަތު ޕާޓީގެ މެންބަރު ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، "ނުބައި މަޤްޞަދެއްގައި ލާފައިވާ، ނުބައިކޮށް އޮތް ނަފްރަތުގެ ބިލް ވެގެން މިދިޔައީ ހައްޤާއި ބާތިލް ވަކިކުރި އެއްޗަކަށް!" ކަމަށެވެ.

އަދި ސެކިއުލާ ޤައުމަކަށް މި ރާއްޖެ ބަދަލުކުރަން ބަޔަކު މަސައްކަތްތަކެއް ކުރާ ކަމަށާއި، ނަމަވެސް އެކަން ވިޔަ ނުދޭނެ ކަމަށް ޒައިދު ވިދާޅުވިއެވެ.



ނަފްރަތުގެ ކުށް ބަޔާންކުރާ ބިލް ފާސްކުރުމަށް ރައީސް ނަޝީދު ބާރު އަޅުއްވާތީ ޖަމިއްޔަތުއް ޞަލަފްގައި އިސްކޮށް އުޅުއްވާ ޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ، ނަފުރަތުގެ ބިލަކީ ހަމައެކަނި އޭގައިވާ ކުރު ޢިބާރާތްކޮޅު ނޫންކަމަށާއި، އެހެނެއްކަމަކު "އެއީ، ރައްޔިތުންގެ ވިންދާ ޚިލާފު، ވަކި ބައެއްގެ ފިކުރީ އަދި މަންހަޖީ މިސްރާބުގެ ނާރެސްކަން މިއަދު ދިވެހި ރައްޔިތުންނަށް ކަށަވަރު ވެއްޖެ" ކަމުގައި ދެކޭ ކަމަށެވެ.



ޝައިޚް ސަމީރުގެ އިތުރުން ޞަލަފް ޖަމިއްޔާގައި ދީނީ ދަޢުވަތު ފެތުރުމުގައި އިސްދައުރެއް އަދާކުރަށްވާ ޢަލީ ރަމީޒް ވެސް ވަނީ، "ނަފްރަތުގެ ބިލް ވެގެން މިދިޔައީ ބޮޑު ފަޟީޙަތަކަށް" ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޢަލީ ރަމީޒް ވިދާޅުވީ، މިއީ ފޮރުވައިގެން ތިބި އެތައްކަމެއް ކަޝްފުވެ ހާމަވެގެން ދިޔަ ބިލެއް ކަމަށެވެ.



ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ ގިނަ މީހުންނަކީ "ޕްރޮގުރެސިވް" ނުވަތަ ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ގިނަ ދިވެހިންނަކީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިޤުތިޞާދީ ފުދުންތެރިކަމަށް ލޯބިކުރާ "މެދުމިން" ގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހިން ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.

ރައީސް ނަޝީދުގެ ބަޔާނުގައި ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ކުށްތައް މަނާކުރުމުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލްތަކުން ބަޔާން ނެރެފައިވާއިރު، 101 ދީނީ ޢިލްމުވެރިޔަކުވެސް ވަނީ ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއް ސަރުކާރަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

އަލަޑަބިޔާ

22-Jul-2021

އަލީ ރަމީޒަކީ ދީނީ އިލްމުވެރިއެއްކަން ނުދެނަހުރިން. މުދިމަކަށްވެެދާނެ. ކޮންތާކުންނުކުތް އިލްމުވެރިއެއްބާ ދެތިން ލަވަ ކިޔައި މަޝްހޫރުވީމަ ކުއްލި ތުނބުޅިއެއް ލިއަސް އަދި އިލްމުވެރިއަކަށް ވާކަށް ނުޖެހޭ. ނުވެސްވާނެ


7

ނަފްރަތު

21-Jul-2021

ތިބުނާ އިލުމް ވެރީންގެ ތެރެއިން ގިނަ އިލްމު ވެރީން 2018 ވަނަ އަހަރު އިންތިހާބުގައި ތާއިދު ކުރީ ރައީސް ޔާމިނަކަށް ނޫންތޯ .


9

ނަފްރަތު

21-Jul-2021

ތިބުނާ އިލުމް ވެރީންގެ ތެރެއިން ގިނަ އިލްމު ވެރީން 2018 ވަނަ އަހަރު އިންތިހާބުގައި ތާއިދު ކުރީ ރައީސް ޔާމިނަކަށް ނޫންތޯ .



ޓްރެންޑިން