މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު
ހިޔާ ފްލެޓްތަކުގެ ފިނިޝިންގއަށް ނުވަތަ އެތަނަށް ވަދެވޭވަރުކުރަން 9 މަސް ދުވަސް ދިނުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވަމުން ގެންދަވާ ވާހަކަ މިއަދުވެސް ތަކުރާރު ކުރަށްވައިފިއެވެ.

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޢިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ދީފައިވާ ތިން މަހުގެ މުއްދަތު ގުނަށް ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފައިވާތީ، ޑރ. މުއިއްޒު ވަނީ ފިނިޝިންއަށް މިހާރު ދީފައިވާ ތިންމަހުގެ މުއްދަތު އިތުރުކުރަން އަދިވެސް ނުވިސްނަވަންތޯއޭ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރަމުން ގެންދާއިރު، އެޗްޑީސީން ނިންމާފައިވަނީ ފިނިޝިން މަސައްކަތް ނިންމާ މުއްދަތުގައި ފްލެޓުތަކުގެ ކުލި ނުނެގުމަށެވެ. އެމަސައްކަތް ނިންމުމަށް އެޗްޑީސީން ދީފައިވަނީ 3 މަސްދުވަހެވެ. އެހެން ނަމަވެސް ފްލެޓު ލިބުނު ފަރާތްތަކުން ދަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންނެވެ.

މުއިއްޒު ވިދާޅުވީ ފިނިޝިން މަސައްކަތްތަކަށް މަދުވެގެން ނުވަމަސް ދުވަސްދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމަށް އެދި ސިޓީކައުންސިލުން ސަރުކާރަށް ލިޔެކިއުންވެސް މިހާރު ފޮނުވާފައި ވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް އެކަމަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ރައްޔިތުންގެ އާދޭހަށް މިހާ ބީރު ކަންފަތް މި ދެނީ ކީއްވެބާ؟" ޑރ. މުޢިއްޒު ސުވާލު އުފައްދަވާފައި ވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 6,720 ހައުސިން ޔުނިޓުގެ ހައްގުވެރިންނާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އެއްބަސްވުން ތަކުގައި ސޮއި ކުރަން ފަށާފައެވެ. ހިޔާ ފްލެޓް ތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިތިން މަސްދުވަހުގެ މުއްދަތު ގުނަން ފަށާނީ އެތަނަށް ކަރަންޓު ދޭ ދުވަހުން ފަށައިގެން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. ފްލެޓްތަކުގެ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަލާފައިވަނީ 7،500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީއެއްގެ ގޮތުގައި އިތުރު 1،000 ރުފިޔާ ނެގުމުން ޖުމްލަ މަހެއްގެ މައްޗަށް ދައްކަންޖެހޭނީ 8،500 ރުފިޔާ އެވެ.

ކުރީގެ ރައީސް، ރައީސް ޔާމިންގެ ސަރުކާރުން ހިޔާ ފުލެޓްގެ ކުއްޔެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީއެއްގެ ގޮތުގައި އިތުރު 1،000 ރުފިޔާ ނެގުމުން ޖުމްލަ މަހެއްގެ މައްޗަށް ދައްކަންޖެހޭނީ 6،500 ރުފިޔާ ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. ކުރީ ސަރުކާރުން މިއަގު ކަނޑައަޅާފައިވަނީ ވަކި ލޯނެއްގެ ދަށުން ފްލެޓްތައް އިތުރަށް ފުރިހަމަ ކުރުމަށް ފަހުގައެވެ. ނަމަވެސް މިސަރުކާރުގެ ހައުސިންގ މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކަރުން މިއަދު ނެރުނީ ނުބައިކޮށް ހިސާބު ޖަހައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން