ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 4 މީހުން: އަހްމަދު ފާތިހް (ކ)، އަހްމަދު އަދުހަމް، މުޖާޒު އަހުމަދު، ތަހުމީން އަހުމަދު
ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރު ކުރި 4 މީހުން: އަހްމަދު ފާތިހް (ކ)، އަހްމަދު އަދުހަމް، މުޖާޒު އަހުމަދު، ތަހުމީން އަހުމަދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މިއަދު ވިދާޅުވީ، 6 މެއިގެ ހަމަލާގައި ތުހުމަތުވާ 4 މީހެއްގެ ތަހުގީގު ރިޕޯޓް މިއަދު ޕީޖީ އޮފީހަށް ލިބިފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ، 6 މެއިގެ ހަމަލާއާ ގުޅިގެން އިތުރަށް ލިބިފައިވާ ހެއްކާއި އެކު ތަޙުޤީޤުތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

އަދި ޙަމަލާއާއި ގުޅޭ ގޮތުން ކުރަމުންދާ ތަހުގީގުން ލިބިފައި ވާ ކުރިއެރުމާ ގުޅޭ ގޮތުން މައުލުމާތު ހިއްސާ ކުރުމަށް އަންނަ ހޮނިހިރު ދުވަހު ފުލުހުންނާ އެކު ޖޮއިންޓް ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ ކުރިން ފުލުހުން ބުނެފައިވަނީ، ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ އާއި ގުޅިގެން ހައްޔަރުކުރި އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ ކަމަށެވެ.



ޕީޖީ ޝަމީމް ވިދާޅުވީ، ގާނޫނު ބުނާ ގޮތުން އެ މައްސަލާގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީއަށް 15 ދުވަހުގެ މުއްދަތެއް އެބަ އޮތެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައި ތިބި 4 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށާއި އިތުރު މީހެއް 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހައިދީފައި ވާ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި މިވަގުތު ފަރުވާގެ ކަންކަމުގައި އެމަނިކުފާނު ހުންނެވީ އިނގިރޭސިިވިލާތުގައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި 8 މީހަކު ހައްޔަރުކޮށްފައި ވާކަން ހާމަކޮށްފައި ވާއިރު އޭގެތެރެއިން 5 މީހެއްގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެއީ މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އަދި ނ. މަނަދޫ، ނޫރީގޭ، އަލީ ހައިޝަމް، 27 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން