ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް (ކ) އާއި ރައީސް ޞާލިޙް
ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް (ކ) އާއި ރައީސް ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކޯވިޑް-19ގެ ޙާލަތު މެނޭޖް ކުރެއްވީ ވަރަށް މޮޅަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ނާޒިމް ވިދާޅުވީ، ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކުރީ އެންމެ ފުރިހަމައަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އެ މަސައްކަތްޕުޅު ކުރެއްވީ، ވަރަށް ހިކުމަތްތެރިކަމާއެކީގައި ކަމަށެވެ.

އެގޮތުން ސިއްޙީދާއިރާގެ ތަޖުރިބާކާރުންނަށް އިތުބާރު ކުރަށްވައި، ކަމާގުޅޭ ހުރިހާ ފަރާތްތަކަކާއެކު މަޝްވަރާކޮށް އެކަން ވަރަށް ރަނގަޅަށް ކުރެއްވިކަން ގަބޫލުކުރަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެއްވެސް މީހަކު ރަނގަޅަށް ކަމެއް ކޮށްފިނަމަ އެކަމެއް ބަލައިގަންނަން ޖެހޭނެ ކަމަށާއި، އަވަށްޓެރި ޤައުމުތަކުން އެޅި ފިޔަވަޅުތަކާ އަޅާ ބަލާއިރު، ދިވެހި ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅުއްވި ފިޔަވަޅުތައް އެއީ ތައުރީފް ޙައްޤު ފިޔަވަޅުތަކެއް ކަމަށެވެ.

ނާޒިމް ވަނީ، އިގްތިސޯދަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖްތަކާއި ދޫކުރި ލޯންތަކާއި ވަޒީފާ ގެއްލުނު މީހުންނަށް ސަރުކާރުން ހަމަޖައްސައިދިން އިނާޔަތްތަކަށްޓަކައި ރައީސް ޞާލިޙަށް ސާބަސް ދެއްވައިފައެވެ. އަދި ދުރުގައި ތިބޭއިރު ވަރަށް ގިނަ ނުކުރެވޭ ކަންކަން ފެންނާނެ ކަމަށާއި، އެކަމަކު ގޮނޑީގައި އިށީނީމާ ތަފާތުތަކެއް އަންނާނެ ކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ އެޕާޓީން ތާޢީދު ކުރަނީ ރިޔާސީ ނިޒާމަކަށް ކަމަށްވެސް ވިދާޅުވެފައެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.



ކިޔުންތެރިންގެ ހިޔާލު