ސަލްމާން މިސްކިތް
ސަލްމާން މިސްކިތް
ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި ޢިމާރާތްކުރަން ފަށާފައިވާ ސަލްމާން މިސްކިތުގެ ޑިޒައިނަކީ ކޮޕީއެއް ކަމަށް ބުނެ، އެ މިސްކިތުގެ ޑިޒައިން ކުރެހި އެންއާރްވައި އާކިޓެކްޓްސް ކުންފުނިން ދަޢުވާ ކުރަން ނިންމައިފިއެވެ.

މާލޭގެ މަލަމަތި ބަދަލުކޮށްލަދޭ ރީތި ބިނާއެއްކަމަށްވާ ކިންގ ސަލްމާން މިސްކިތަކީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހު ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން އިމާރާތްކުރަން ފެށި މިސްކިތެކެވެ. މިސްކިތް ހުޅުވުމާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ މިދިޔަ ރޯދަމަހު މިސްކިތް ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް އެ މިސްކިތް ހުޅުވިފައެއް ނުވެއެވެ.

ސަލްމާން މިސްކިތް އަޅާފައިވަނީ އެންއާރްވައި އާކިޓެކްޓްސްގެ ޑިޒައިނެއް ކޮޕީ ކޮށްގެން ކަމަށް ބުނެ ދައުވާކުރާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ. އަދި އެމައްސަލަ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަލްމާން މިސްކިތަކީ މެލޭޝިޔާ ކުންފުނީގެ ޑިޒައިނެއް ކޮޕީ ކޮށްގެން އިމާރާތް ކޮށްފައިވާ މިސްކިތެއް ކަމަށް ބުނެ މިނިސްޓަރަށް މެލޭޝިޔާގެ ކުންފުންޏަކުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި އެކުންފުނީގެ ހައްގު ހޯދުމަށް ކޯޓަށް ދާނެކަމަށް ބުނެފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

6 ފަންގިފިލާއަށް ބިނާ ކުރާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުންނާނެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ. ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން