ކޮވިޝީލްޑް ވެކްސިން
ކޮވިޝީލްޑް ވެކްސިން
ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ދެވަނަ ޑޯޒަކަށް އެސްޓްރާޒެނެކާ ދޭން ނިންމާފައިވާ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމުނައިޒޭޝަން ޕްރޮގްރާމްގެ އޮފިސަރ ނާޝިއާ އަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއަށް އެސްޓްރާޒެނެކާގެ ސްޓޮކް މިހާރު ލިބިފައިވާ ކަމަށާއި، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނަށް ވެސް މި ވެކްސިން ދޭނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖަހާ ތިބީ 44،678 މީހުންނެވެ. އަދި ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ 18 މީހުން ތިބިއިރު ފައިޒާ ވެކްސިން މިހާރު ވަނީ ހުސްވެފައެވެ.

ނާޝިޔާ ވިދާޅުވީ، އިއްޔެއިން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ނާޝިޔާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އަދި އެޗްޕީއޭގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވެސް ބަލާ ގޮތުގައި ކޮވިޝީލްޑާއި، އެސްޓްރަޒެނެކާ ވެކްސިނަކީ ހަމަ އެއް ވެކްސިނެއް ކަމަށެވެ. އެހެން ކަމުން ކޮވިޝީލްޑް ޖެހި ކަމަށް ވިޔަސް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް ނަޒްލާ މިއަދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްޕާސަން ޑރ ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި ކަމަށާއި، މިމަހުގެ 31 ގައި ފަށާ ވެކްސިންގެ ބޮޑު ކެމްޕެއިންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށެވެ.

އަދި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމާއި އެކު ރާއްޖޭގައި މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް ލުއި ދެވިގެންދާނެ ކަމަށާއި، ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މިއަދު ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި ފަހުން ބަލިވެ އިންނަ މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި ފައިޒާ ވެކްސިން ދޭން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ވެކްސިން ދޭން ފަށާނީ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓެއް ރާއްޖެއަށް ލިބުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރީ ކޮވެކްސް ފެސިލިޓީ އާއި އެޔޮއެދޭ ފަރާތަކުން ހަދިޔާ ކުރި ފައިޒާ ވެކްސިން ޑޯޒު ތަކެކެވެ. އެ ވެކްސިން ދީފައިވަނީ މާބަނޑު މީހުންނާއި 16 އަހަރުން މަތީގެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ފަރުވާ ކުރަންޖެހޭ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނަށެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެފައިވަނީ، ރާއްޖެއިން އެސްޓްރާޒެނަކާ ސިންގަޕޫރާއެކު ހެދި އެއްބަސްވުމުގެ ދަށުން ގެންނަ 700،000 ޑޯޒް ވެކްސިންގެ ތެރެއިން 500،000 ޑޯޒް މިމަހުގެ ފަހުކޮޅު ލިބޭނެކަމަށެވެ. އޭގެތެރެއިން އެއްބައި މިހާރު ލިބިފައިވާއިރު، ލިބުނު ވެކްސިންގެ ޢަދަދު އެޗްއީއޯސީން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ސަރުކާރުންދަނީ ރަޝިއާ އިން ވެސް ވެކްސިން ގަތުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، ފައިޒާ ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން