ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ކޯވިޑް ވެކްސިންގެ ޤައުމީ ކެމްޕޭނާ ގުޅުމަށް ހުރިހާ ސިޔާސީ ލީޑަރުނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ވަބާއިން ރާއްޖެ މިނިވަން ކުރެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވާފައިވާ ވަރުގަދަ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ވެސް ގުޅުމަށް ގޮވާލައްވާ ކަމަށެވެ. އަދި މިއީ ޤައުމީ ކަމެއްގެ ގޮތުގައިދެކި އެކަމަށް އިޖާބަ ދެއްވުމަށް ރީކޯ މޫސަ ވަނީ ހުރިހާ ސިޔާސީ ލީޑަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"މިވަގުތު މި އަމާޒަށް ދަތުރުނުކޮށް ސިޔާސީ ކުރިމަގުވެސް ބަނަ." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.



ރީކޯ މޫސަ ސިޔާސީ ލީޑަރުންނަށް މިފަދަ ދަޢުވަތެއް ދެއްވާފައިވާއިރު، ރޭ ޕީޕީއެމުން ވަނީ، "މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޤައުމީ ކެމްޕެއިނެއް ލޯންޗް ކޮށްފައެވެ. އަދި އެ ކެމްޕެއިންގައި ބައިވެރިވުމަށް އެ ޕާޓީން ވަނީ ހުރިހާ ސިޔާސީ ލީޑަރުންނަށް ގޮވާލާފައެވެ.

ސަރުކާރުން ފަށާފައިވާ ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭނާ ގުޅިގެން ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓު ހެއްދުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކުން 1676 ނަންބަރަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މާލޭގައި ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 5.00 އަށެވެ. އަދި އެހެން މަރުކަޒުތަކުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 4.00 އަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން