ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ފުރާނަ ސަލާމަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ މަޤުޞަދެއް ކަމަށާއި، އެހެންކަމުން ކޯވިޑް-19 ވެކްސިން އަވަހަށް ޖެހުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލައްވައިފިއެވެ.

ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.

ރާއްޖޭގައި މިއަދު ފަށާފައިވާ ވެކްސިން ޕްރޮގްރާމާއި ގުޅޭގޮތުން ޑރ. ޝަހީމް ވިދާޅުވީ، އިންސާނާގެ ފުރާނަ ސަލާމަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ މަޤުޞަދެއް ކަމަށާއި، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސަބަބުތަކުގައި ހިފައި ފިޔަވަޅުތަކަށް ތަބާވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"އަމިއްލަ ނަފްސާއި ޢާއިލާ އާއި މުޖުތަމަޢާއި ޤައުމުގެ ސަލާމަތަށްޓަކައި އެންމެހާ ރައްޔިތުން ވެކްސިން ޖައްސަވާ." ޑރ. ޝަހީމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައިވެއެވެ.



އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން