ޕީޕީއެމުން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން
ޕީޕީއެމުން މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަންގެ ފަރާތުން ކްރިމިނަލް ކޯޓު ސަހަރައްދުގައި މުޒާހަރާ ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ކްރިމިނަލް ކޯޓު ސަރަހައްދުގައި މުޒާހަރާ ކޮށްފައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާތީއެވެ. މިއަދުގެ އެއްވުމުގައި ޕީޕީއެމްގެ ލީޑަރޝިޕްގެ އިސްފަރާތްތަކާއި، ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. އެއްވުމުގެ ބައިވެރިން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީޢަތުގެ މަޖިލީޙުގައި ދެފަރާތުންވަނީ ހެކި ހުށައަޅާފައެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތާއި ދިފާޢަށް 10 ދުވަހުގެ މުއްދަތު ދީފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. އަދި މި މައްސަލާގައި އެންމެ ފަހުން މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ދެވަނަ މައްސަލައެވެ. މިހާރުވެސް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ. ނަމަވެސް އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެއެވެ. މިމައްސަލައިގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން