އެމްޓީޑީގެ ލީޑަރ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު (ވ)
އެމްޓީޑީގެ ލީޑަރ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރު (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުލީޑަރޝިޕް ދައްކަވައިފިކަމަށް ބުނެ، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން ރައީސް ޞާލިޙަށް ތަޢުރީފް ކޮށްފިއެވެ.

މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ގައުމުތަކުގައި ކޯވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިނޭޝަން ކަމަށާއި، ދިވެހި ރާއްޖެއިން މިވަނީ މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައި ކަމަށެވެ. އަދި ރައީސް ޞާލިހްގެ ލީޑަރޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަރަށް ވަނީ ވެކްސިން ހޯދިފައި ކަމަށްވެސް އެމްޓީޑީން ބުނެއެވެ.

"ރައީސް ސާލިހު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާ ނުކޮށް ވެކްސިން އެމީހުންނަށްވެސް ހިލޭ ޖަހައިދީ، މިހާރު ރާއްޖޭގެ 61 އިންސައްތަ އާބާދީ ދެ ޑޯޒްޖަހާ މިވަނީ ވެކްސިނޭޝަން ފުރިހަމަކޮށްފައި." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

އެމްޓީޑީން ބުނީ އެޕާޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޯވިޑް-19 ވެކްސިން ނުޖަހާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަކަން ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އަދި ހާއްސަކޮށް މިހާތަނަށް ވެކްސިން ނުޖަހާ ޒުވާނުން ވެކްސިން ޖެހުމަށާއި އަދި ދެޑޯޒް ފުރިހަމަ ކުރުމަށް އެމްޓީޑީން ވަނީ އެދިފައެވެ.

"އެމްޓީޑީގެ އެދުމަކީ ރައީސް ޞާލިހު ގޮވާލާފައިވާ ގޮވާލުމާއި އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއްކަން މިކަން ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން އަތުކުރި އޮޅާލާ އިސްނަގައިގެން ވެކްސިންޖަހަން ދިޔުމަށް. މިކަމަށް ވުރެ ބޮޑު ގައުމީކަމެއް މިއަދަކުނެތް. އެހެނީ ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

އެމްޓީޑީން ބުނީ، ރައީސް ޞާލިޙް މިކަމުގައި ލީޑަރޝިޕް ދައްކަވައިފި ކަމަށާއި، ދުނިޔާގެ ފެންވަރުން ބެލިނަމަވެސް ވެކްސިން ޕްރޮގްރާމްގައި ރާއްޖެއިން ހޯދާފައި ވަނީ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ވަބާގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، އެޗް.ޕީއޭ އާއި، މޯލްޑިވްސް ރެޑް ކްރެސެންޓް، ޑަބްލިއު.އެޗް.އޯ މޯލްޑިވްސް އަދި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ހުރިހާ ޚިދުމަތްތެރިން ކުރައްވަމުންދާ ބުރަ މަސައްކަތް އެޕާރޓީން ހިތުގެ އަޑީން ގަބޫލުކޮށް ޝުކުރުވެރިކަމާއި އެކީ ސެލިއުޓްކުރާކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން