ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް
ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ޤައުމީ ޔުނިވާސިޓީގައި އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރު މުވައްޒިފަކު ނުނެގުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އެ ޔުނިވަރސިޓީގެ މައްޗަށް އަމުރުކޮށްފި އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމުން ވަކިކުރުމުން، އެ މައްސަލަ އޭނާ ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ޖުލައި ފުރަތަމަ ދުވަހު އެވެ.

އެ މައްސަލާގައި ޓްރައިބިއުނަލުން ނެރެފައިވާ އަމުރުގައި ވަނީ، ޔުނިވާސިޓީގައި ޑރ. އިޔާޒް އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރު މުވައްޒިފަކު ނުނެގުމަށެވެ. އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒް ވަނީ އެކަން "ރަސް އޮންލައިން" އަށް ކަށަވަރުކޮށް ދެއްވާފައެވެ.

އަންހެނުން ހިތާނުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ބުނެ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ޑރ. އިޔާޒް އާއްމުކުރައްވާ ތަފާތު ލިޔުންތަކުން ޤައުމީ ޔުނިވަރސިޓީގެ ތަޞައްވުރު ކިލަނބުވާ ކަމަށްބުނެ އޭނާގެ މައްސަލަ އެ ޔުނިވަރސިޓީން ވަނީ ބަލައިފައެވެ. އެގޮތުން ލިޔުމުން ނަޞޭޙަތް ދިނުމަށްފަހު، އެމައްސަލައިގައި އެފަހަރު އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑްވެސް ކޮށްފައެވެ.

ވަޒީފާއިން ވަކިކުރުމުން ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ މާތްﷲ އިރާދަފުޅުން ވަޒީފާއިން ވަކިކުރި ނަމަވެސް އޭނާއަށް ނިކަމެތި ކަމެއް ނުލިބޭނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެމްޑީޕީއާއެކު މަސައްކަތް ކުރި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑރ. އިޔާޒަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފުކުރަށްވައި މި ސަރުކާރުގެ ސިޔާސަތު ތަކަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރަށްވަމުން ގެންދެވި ބޭފުޅެކެވެ.

އިޔާޒްގެ މައްސަލަ ދަޢުލަތުގެ އިދާރާތަކުން ބަލަން ފެށުމުން އިޔާޒު ވިދާޅުވެފައިވަނީ އެއީ ބިރުދެއްކުމުގެ އަމަލެއް ކަމަށެވެ. އޭގެ އިތުރުން އަންހެން ކުދިން ހިތާނު ކުރުމަކީ އޭނާ އެއްވެސް އިރަކު ހިތްވަރުދޭ ކަމެއް ނޫން ކަމަށާއި، އަންހެންކުދިން ހިތާނު ކުރުމަށް މީހަކު ކައިރީގައި ވެސް ވިދާޅުވެފައި ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އިޔާޒް ވިދާޅުވީ އަންހެން ކުދިން ޚިތާނުކުރުމާމެދު އޭނާ ޢާއްމު ކުރެއްވީ ޢިލްމީ ދިރާސާއެއް ކަމަށެވެ. އަދި އެމައްސަަލަ ހޫނުވުމުން އޭނާ ވަނީ މަޢާފަށް ވެސް އެދިވަޑައިގެންފައެވެ.

ޑރ. އިޔާޒަކީ އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނާއި އެޕާޓީގެ އިސް ބޭފުޅުން ވަރަށް ގަޔާނުވާ އަދި ފާޑުކިއުންތައް އަމާޒުކުރަމުންދާ ދީނީ ޢިލްމްވެރިއެކެވެ. ޑރ. ޢިޔާޒަކީ ވަރަށް ފާޅުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށްވެސް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު