އދ. ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު
އދ. ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު
ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެކަން ފެށިގެން އަންނަ ކަންކަމަށް ސަމާލުކަން ނުދީ، ކާމިޔާބީއެއް ނުލިބޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ޚާއްސަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މި މޭރުމުން ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި، ދިވެހިންގެ ތެރޭގައި ފަތުރަމުން އަންނަ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ ޢަމަލުތަކަކީ، އެއްވެސް ގޮތަކުން އިސްލާމް ދީނާ ގުޅުމެއް ނެތް ބާޠިލު ކަންތައްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަޚްލާޤީ ހަމަތަކާއި، ދީނީ އުޞޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށާއި، އިންސާނީ ހަމަބުއްދިން ވިސްނާއިރު ވެސް، އިންސާނީ މުޖްތަމަޢެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއްވެސް ނޫން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގައި، "ރޫޓު ކޯޒެސް" ނުވަތަ މައްސަލަތައް ފެށިގެން އަންނަ ހިސާބަށް ސަމާލުކަން ނުދީ ހަރުކަށި ފިކުރު ހުއްޓުވުމުގައި ކާމިޔާބީއެއް ނުލިބޭނެ ކަމަށެވެ.

ހަމައެއާއެކު، ކޮރަޕްޝަނާއި، ތަފާތުކުރުމާއި، ސަރުކާރުގެ އިހުމާލުތަކުގެ އިތުރުން ނާގާބިލު މީހުން މަގާމުތަކަށް އައްޔަން ކުރުމުގެ އިތުރުން މާލީ ތަނަވަސްކަމަށް ބަލާ ތަފާތުކޮށް ބާކީކޮށްލުމަކީ ހަރުކަށި ފިކުރުގެ ބައެއް "ރޫޓް ކޯޒް" ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.



މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ދެއްވި ހިތާބުގައި ހަރުކަށިފިކުރާއި، އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖްތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ ޢަމަލުތަކާއި، އިސްލާމް ދީނަށް އިހާނެތިކުރުމުގެ ޢަމަލުތައް ހުއްޓުވުމަކީ، ޤައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކުވެސް އިސްކަން ދޭންޖެހޭނެ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި މިއީ، އެއްވެސް ޙާލެއްގައި އޮވެގެން ނުވާނެ އިޖްތިމާޢީ ވަރަށް ބޮޑު ދެ މައްސަލަ ކަމަށާއި، މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން