ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކައިން ތެލުގެ ބިލްތަކަށް ފައިސާ ނުދައްކާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެފައި ވަނީ ޙަޤީޤަތް އޮޅޭގޮތަށް ކަމަށް ވިދާޅުވެ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު އެކަމަށް ރައްދު ދެއްވައިފިއެވެ.

ދާދިފަހުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެފައިވަނީ، އެސްޓީއޯއިން ދަނީ އަތޮޅު ތެރެއަށް ކަރަންޓު ދޭން ބޭނުންވާ މިންވަރަށް ހުއްޓުމެއް ނެތި ފެނަކައަށް ތެޔޮ ފޯރުކޮށްދެމުން ކަމަށެވެ. ނަމަވެސް އެ ތެލަށް އެންމެ ރުފިޔާއެއް ވެސް ނުލިބޭ ކަމަށާއި، އެހެންކަމުން އަތޮޅު ތެރެއަށް ކަރަންޓު މި ފޯރުކޮށްދެނީ އެސްޓީއޯއިން ހިލޭ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސައީދު ރޭ ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ ތެޔޮ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފޯރުކޮށް ދެމުންދަނީ އެސްޓީއޯއިން ކަމަށެވެ. އެސްޓީއޯއިން ތެޔޮ ގަތުމަށް ފެނަކައިން ނިންމި އެންމެ ބޮޑު މަޤްސަދަކީވެސް އެޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދުމަތަކަށްވާއިރު، ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ފެނަކައިން ތެޔޮ ގަންނަނީ ބަރާބަރަށް ފައިސާ ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ކުޑަ ޑިލޭއެއް އުޅުނު ނަމަވެސް މިހާރުގެ މެނޭޖްމަންޓުން މިހާތަނަށް ބަރާބަރަށް ފައިސާ ދައްކަމުން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ އެސްޓީއޯއަށް ދައްކާފައިވާ ކަމަށާއި، ނަމަވެސް މިހާރު އޮތް މެނޭޖްމަންޓް ފެނަކައާ ހަވާލުވުމުގެ ކުރިން، އެފްއެސްއެމަށް ދައްކަންޖެހޭ 730 މިލިޔަނަށްވުރެ ގިނަ ރުފިޔާ ނުދައްކައި ހުރިކަން ސައީދު ވަނީ ފާހަގަކުރަށްވާފައެވެ. މިފައިސާވެސް ދައްކާފައިވަނީ މިހާރު އޮތް މެނޭޖްމަންޓުން ކަމަށާއި، އެހާބޮޑު އަދަދަކުން ފައިސާ ނުދެއްކި އޮތުމުން އެކަމާ ގިނަ ސުވާލުތަކެއް އުފެދޭކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މިހާރު ފެނަކައިން އެސްޓީއޯއަށް ނުދެއްކި އޮތަސް އޮންނާނީ އޭގެތެރެއިން ފަންސާހަކަށް މިލިޔަން ރުފިޔާ ކަމަށާއި، ކުރީގެ މެނޭޖްމަންޓުން ބޮޑެތި އަދަދުތަކުން ލޯނުތައް ނެގުމަށްފަހު އެއްވެސް ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވެސް ނެތް ކަމަށެވެ. އަދި އޭރު އެސްޓީއޯއިން ގަތް ތެލަށް 730 މިލިޔަން ރުފިޔާ ނުދެއްކި އޮތް ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ދާދިފަހުން މާލެއިން ބޮޑު އަގުގައި ބިމެއް ބައްލަވައިގެން މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ އަމުރު މިފަހަކަށް އައިސް މިފަދަ ދޮގު ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ރުހުން ހޯދުމަށް މަސައްކަތް ކުރަށްވަނީ އެކަން އޮއްބާލުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދުކުރަށްވާ އަމުރު ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރަށްވައި ކެމްޕޭންވެސް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ބިރުބޮޑު

12-Aug-2021

އެސްޓީއޯއަށް ފެނަކައިންދަށްކާ ފައިސާއަށް އަމުރުގޯތި ގަތީ؟ ވަރަށްސާފް އިނގޭތޯ



ޓްރެންޑިން