ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މއ. ކިނބިގަސްދޮށުގޭ ދޮށަށް ވަޑައިގެން އެގެއާ ހަވާލުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެ ހަމަނުޖެހޭ ވާހަކަތަކެއް ދައްކަވައިފިއެވެ.

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ޑީއާރުޕީގެ ލީޑަރުކަންވެސް ކުރަށްވާ ޖާބިރު މިއަދު ވަނީ ބަޔާނެއް ދެއްވާފައެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މެލޭޝިއާގެ ވެރިރަށް ކުއާލަލަންޕޫރުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލު ކުރެއްވުމުގައި ރައީސް މައުމޫން އެދިވަޑައިގަތީ 29 މިލިއަން ރުފިޔާ ދެއްވުމަށް ކަމަށެވެ. އަދި ރައީސް މައުމޫން ވިދާޅުވިގޮތަށް އެ ފައިސާ ހަމަޖައްސަވައި ދެއްވީ ފައިސާ އަނބުރާ ނުދައްކަވައިފިނަމަ ކިނބިގަސްދޮށުގެ ލިބޭ ގޮތަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާ ޙަލާލުގޮތުގައި ހޯދި ފައިސާވެސް ލިބިވަޑައިނުގަތް ކަމަށާއި، އެކަމާ ގުޅިގެން ފުލުހަށް ހުށައަޅާފައިވާ މައްސަލަވެސް ކުރިއަށްނުދާ ކަމަށެވެ. އަދި އޭނާއަށް އިންސާފް ލިބިވަޑައިނުގެންނެވި ކަމަށާއި، ދެން އޮތީ އަމިއްލަ އަށް އިންސާފު ހޯދުން ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު މިއަދު ވިދާޅުވީ، މިހާރު މިހުރީ ކިނބިގަސްދޮށުގެއާ ޙަވާލުވެގެން ކަމަށެވެ.

ޖާބިރުވަނީ ކިނބިގަސްދޮށުގޭ ދޮރުމަތީގައި އޮތް ވެޔޮ ގަނޑަށްވެސް މިއަދު ގެއްލުން ދީފައެވެ. އަދި ސީޕީ ޙަމީދާއި، ރައީސް ޞާލިޙްގެ އިސްތިއުފާއަށްވެސް ޖާބިރު ގޮވާލެއްވިއެވެ.

އިއްޔެ ޖާބިރު ވަނީ މަޖިލީހުގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނަވައި ބޯހަމަނުޖެހޭ ޒާތުގެ ވާހަކަ ތަކެއް ދައްކަވައި ހަޑި ހުތުރު ބަސްތަކުން ވެސް އެކި ފަރާތްތަކާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ.

މީގެކުރިންވެސް ޖާބިރު ވަނީ ރައީސް މައުމޫން އޭނާގެ އަތުން މިލިއަނުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ފުލުހަށާއި ކޯޓަށް ވެސް މައްސަލަ ހުށައަޅުއްވާފައެވެ. ނަމަވެސް ފަހުން ކޯޓުން މައްސަލަ ނެންގެވީ ވެސް އޭނާ އަމިއްލައަށެވެ. މިއީ މިނޫނަސް ދޭތެރެ ދޭތެރެއިން ޖާބިރު ދައްކަވާ ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން