ޑީއެންއޭގެ ލީޑަރ ޢުމަރު ނަސީރު
ޑީއެންއޭގެ ލީޑަރ ޢުމަރު ނަސީރު
ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން 2023 ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމައިފިއެވެ.

ޑީއެންއޭއިން ބުނީ 2023 ގައި ބާއްވާ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބުގައި ޑީއެންއޭގެ ފަރާތުން ވާދަ ކުރުމަށް ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް، މިއަދު ބޭއްވި އިންޓަރިމް އެގްޒެކެޓިވް ކައުންސިލުގެ 20 ވަނަ ބައްދަލުވުމުގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

ޑީއެންއޭ އިން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރޭނެކަން އިޢުލާނު ކޮށްފައިވާއިރު، އެ ޙަރަކާތް ލޯންޗް ކުރުމަށް މިއަހަރުގެ މާރޗް 3 ވަނަ ދުވަހުގެރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން އެ ޙަރަކާތުގެ ލީޑަރ ޢުމަރު ނަސީރު ވިދާޅުވީ ޑީއެންއޭއަކީ ދިވެހި ވަޠަން ދިވެހިންނަށް އަނބުރާ ހޯދައިދިނުމަށް ފަށާ ޙަރަކާތެއް ކަމަށެވެ. އަދި އެއީ ކޮރަޕްޓް ޕޮލިޓީޝަނުންގެ އަތުން ޤައުމު އަނބުރާ އަތުލައި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ރާއްޖެ އަމިއްލަ ފައިމައްޗަށް ނެގުމަށް ފަށާ ޤައުމީ މަސައްކަތެއް ކަމަށެވެ.

ޢުމަރު ވިދާޅުވީ ރާއްޖެ އަމިއްލަ ފައިމައްޗަށް އަލުން ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރި ހޯދައިގެން ކަމަށެވެ. އަދި ޤައުމުގައި ހުރި ގޯސް ކަންކަމުގެ ވާހަކަ ގޯޅިގޯޅި ކަންމަތީގައާއި މީސް މީޑިއާގައި ދައްކައިގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ. އަދި ޤައުމު ބަދަލު ކުރެވޭނީ ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެގެން ކަމަށް ޢުމަރު ވިދާޅުވިއެވެ.

"މިއީ އަންނަ ރިޔާސީ އިންތިޚާބަށް އުފެއްދި ޙަރަކާތެއް ނޫން. އަދި މީ އަޅުގަނޑުގެ ކެމްޕޭން ޙަރަކާތެއްވެސް ނޫން. ޑީއެންއޭ އަކީ ރާއްޖެ ބަދަލުކުރުމަށް އުފައްދާ ޙަރަކާތެއް. ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުވާނީ މިޤައުމު ޓްރާންސްފޯމް ކުރުމަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތަށް." އެ ޙަފްލާގައި ޢުމަރު ވިދާޅުވެފައިވެއެވެ.

އުމަރު ވިދާޅުވީ ޑީއެންއޭ އުފައްދަނީ މިނިވަން އިސްލާމީ އަމިއްލަ ދަޢުލަތެއް ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އިސްލާމްދީނާ ދިވެހި ވަޠަންދެކެ ލޯބިވާ އެންމެން ޑީއެންއޭގެ ޙަރަކާތާ ގުޅުމަށް ޢުމަރު ވަނީ އެ ޙަފްލާގައި ދަޢުވަތު އަރުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން