އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ (މ) އާއި، ރައީސް ނަޝީދު (ވ)
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ (މ) އާއި، ރައީސް ނަޝީދު (ވ)
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދެން ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށާއި، އެމްޑީޕީގެ އެތެރޭގެ މެޖޯރިޓީވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ފުރިހަމަ މެޖޯރިޓީ އެބައޮތް ކަމަށާއި އެކަމަކު ރައީސް ނަޝީދަށް ދެރަވާނެ ކަމެއް ރައީސް ޞާލިޙް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވެސް އެމްޑީޕީކަން މޫސަ ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު މިހާރު ސިޔާސީ ދާއިރާއިން މުސްކުޅިވެ ވަޑައިގެންފައިވާ ކަމަށާއި، ދެން ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ރަސްގެފާނަކީ ރައީސް ނަޝީދު ކަމަށާއި، ރައީސް ނަޝީދާ ނުލާ އެމްޑީޕީ ނުހިންގޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މިއޮތް ހުރިހާ ޒަމާނަކު ހުންނަމުން ހުންނަމުން އައިސް ޕާޓީގެ ރަސްގެފާނަށް ވެފައި އެހުރީ. އެހެންވީމާ ރަސްގެފާނަކާ ވެސް ދުރެއް ނުވެވޭނެ." މޫސަ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހުގެ ބާރު މާ ވަރުގަދަ ކަމަށާއި އެމްޑީޕީގެ ގުނަވަންތަކުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް ޞާލިޙްގެ އަތްޕުޅުގައި ކަމަށެވެ. އަދި ދެން ކުރީގެ ބާރުވެރިކަން ޕާޓީގެ އެތެރެއިންވެސް ރައީސް ނަޝީދަށް ލިބިވަޑައިގެންފާނެ ކަމަށް ޤަބޫލު ނުކުރަށްވާކަމަށް މޫސަ ވިދާޅުވިއެވެ.

"އެމްޑީޕީއަކު މިހާރު ރައީސް ނަޝީދުގެ މެޖޯރިޓީއެއް ނެތް. ދެން ނުވެސް އޮންނާނެ މެޖޯރިޓީއެއް. ނުވެސް ގެނެވޭނެ މެޖޯރިޓީއެއް." މޫސަ ވިދާޅުވިއެވެ.

އެމްޑީޕީ ދެބައިވެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހަންމަދު ޞާލިހާއި ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ އާންމުކޮށް އިޢުލާން ކުރަށްވާފައެވެ. އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އުފެދިފައިވާ މިދަނޑިވަޅުގައި އެޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑަައިގެންފައިވާ މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ޕާޓީ ބައިބައިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން