ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ (ވ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ)
ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ (ވ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ)
ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫންކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިއްރު ޑީލެއް ހައްދަވާފައިވާ ކަމަށް، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވަނީ ތުހުމަތު ކުރަށްވާފައެވެ. ޢުމަރުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޔާމީނަކީ އެއްވެސް ބޭފުޅަކާއެކު ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި، ޚާއްސަކޮށް ރައީސް ނަޝީދާއެކު ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށެވެ.

"ޢަމުދުން ރައީސް ނަޝީދާއެކު ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނި ލީޑަރަކީ ރައީސް ޔާމީން. ރައްޔިތުންނަށް އެކަން ވަރަށް ސާފު." އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ލީޑަރުންނަށް ބޮޑެތި ޙުކުމްތައް އިއްވައި ޖަލުގައި ވަނީ ބަންދު ކޮށްފައެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ފަހުން، ސުޕްރީމް ކޯޓުން ވަނީ އެބޭފުޅުންނަށް ކުރި ޙުކުމްތައް ބާތިލް ކޮށްފައެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޙުކުމް ތަންފީޒު ކުރަށްވަން ގޭބަންދުގައެވެ. އަދި ދަޢުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދަޢުވާތަކެއްވެސް އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު