ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ނަފްރަތުގެ ބިލް މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި ކޮންމެ ބިލެއްގައިވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށައެޅި ނަފްރަތުގެ ބިލު ފޮނުވިފަހުން އާއްމުންގެ ވިސްނުން ހުރީ އެ ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭ ގޮތަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އިސްލާޙުތައް މަޖިލީހަށް ހުށައެޅުއްވި ކަމަށާއި، އަދި ކޮމިޓީ މަރުޙަލާގައި އޭގެ ބައެއް އިސްލާހުތައް ގެނެސްފައި ހުރިކަން ގަބޫލުކުރަށްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގަންނަންޖެހޭ އިސްލާހުތައް އެބަހުރި. އެ އިސްލާހުތަކާއެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ." ރައީސް މިއަދު ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ކުށްތައް މަނާކުރުމުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލްތަކުން ބަޔާން ނެރެފައިވާއިރު، 101 ދީނީ ޢިލްމުވެރިޔަކުވެސް ވަނީ ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއް ސަރުކާރަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން