ރީކޯ މޫސަ ރައީސް ނަޝީދުގެ އަރިހުގައި
ރީކޯ މޫސަ ރައީސް ނަޝީދުގެ އަރިހުގައި
އެމްޑީޕީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ރައީސް ނަޝީދުގެ ނަންލިޔެގެން ވައިއެޅުވުމުގެ ސަޤާފަތް ދޫކޮށްލަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙު ކޮޅުމަޑުލަށް މިހާރު ކުރަށްވަމުން ގެންދަވާ ޒިޔާރަތުގައި ތިމަރަފުށީ އެމްޑީޕީގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދަމާފައިވާ ބެނާއަށް ބައެއްފަރާތްތަކުން ފާޑުކިޔަމުން ގެންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ. އެބެނާގައި ލިޔެފައިވަނީ އެއީ ޕާޓީގެ "އިސް ލިޑަރ" މެންބަރުންނާއެކު ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެމްޑީޕީގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން އެވަގުތަކު ވެރިކަމުގައި ހުންނަ ޕާޓީގެ މެންބަރަކީ ޕާޓީގެ އިސް ލީޑަރެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ، ޙަޖަމްކުރަން ދަތިނަމަވެސް ރައީސް ޞާލިޙަކީ ޕާޓީގެ އިސް ލީޑަރ ކަމަށާއި، އަދި އެގޮތަށް މުޚާތަބު ކުރުމަކީ މަލާމާތްކޮށް ފުރައްސާރަކުރަން ޖެހޭ ކަމެއްވެސް ނޫން ކަމަށެވެ. އެމްޑީޕީ ފުރަތަމަ އުފެދިގެން އައި ދުވަސްވަރު ރަށްރަށުގައި ބޭއްވި ޖަލްސާތަކުގައި "އެމްޑީޕީ" ގެ ނަން ބޭނުންކުރުމުންވެސް އެކިއެކި ދުއްތުރާތައް ކުރިމަތިވެފައިވާކަން މޫސަ ވަނީ އެމްޑީޕީގެ މެންބަރުންނަށް ހަނދާންކޮށް ދެއްވާފައެވެ.

"ކޮންމެ ފަހަރަކު ރައީސް ނަޝީދުގެ ނަން ލިޔެގެން ވައި އަޅުވައިގެން ޕާޓީގެ މަޤާމް ހޯދައިގެން އުޅުމުގެ ސަޤާފަތް ޕާޓީ ތެރެއިން ދޫކޮށްލަން ވިސްނާށެވެ." މޫސަ ވިދާޅުވެފައިވެއެވެ.

މޫސަ އިތުރަށް ވިދާޅުވީ ރައީސް މައުމޫނަށް ޙަޖަމް ނުވި ނަމަވެސް 2008 ގައި އެމަނިކުފާނުގެ ވެރިކަންވެސް ބަދަލުވި ކަމަށާއި، ޑީއާރުޕީގެ ބާރުތައް ވެސް އަތުން ދޫވެގެން ދިޔަ ކަމަށެވެ. އަދި އެދުވަސް ކޮންމެ މީހަކާވެސް ބައްދަލު ކުރާނެކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ދެ ފެކްޝަނަކަށް ބެހި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި، ރޭ ތިމަރަފުށީގައި ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށާއި، އެޕާޓީ ހަލާކުވިޔަ ނުދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ކުރިއެރުމަށްޓަކައި ހިންގާ ހަރަކާތްތައް މިހާރަށް ވުރެ ބޮޑަށް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި އެރަށުގައި ޕާޓީގެ އޮފީހެއް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށްވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޢުމަރު

19-Aug-2021

އެއްއިރެއްގައި ރީކޯމޫސަ އުޅުނީ ރައީސް ނަޝީދުގެ ފޮޓޯ ގަމީހުގެ ދެފަރާތުގައި ހިއްޕައިގެން. ދެން މިހާރު ނަޝީދުގެ ފަރާތުން ލިބޭ ބޮނޑިވަރެއް ނެތީމަ ތިއުޅެނީ ނަޝީދާހެދި ލޮލަށް ނިދިނައިސްގެން. ސޯލިހުގެ ވެރިކަން ނެތްދުވަހަކުން ރީކޯމޫސަ އުޅޭނީ ސޯލިޙާހެދި ލޮލަށް ނިދިނައިސްގެން. ތިޔައީހަމަ އިއްތަފޫ ކައިގެން އަރައިފަހުރި ޒަންބީރު. ރައްޔިތުން މީނައާދޭތެރޭ ވިސްނާތި.



ޓްރެންޑިން