ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތަޅުމަށް ޙާޟިރު ނުވެވުމަކީ މަގާމުން އިސްތިއުފާދޭންޖެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ މަނިކު މި މޭރުމުން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު ގޮވާލެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އިދިކޮޅު ލީޑާޝިޕްގެ ޓީމެއް ކެމްޕެއިން ކުރުމަށް އަތޮޅުތަކަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލިސް އޮތީ ޑެޑްލޮކެއްގައި ކަމަށާއި މަޖިލީހުގެ ރައީސް އިސްތިއުފާ ދެއްވައި އެ ފުރުސަތު އެހެން ބޭފުޅަކަށް ދޭންޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ވިދާޅުވީ، ޒަރޫރީ ޙާލަތެއް މެދުވެރިވެގެން މަޖިލީހުގެ މެމްބަރުން ކޮންމެތާކު ހުންނެވި ނަމަވެސް ޖަލްސާގައި ބައިވެރިވެވޭކަން ކޮވިޑްގެ ޙާލަތުގައި އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޮންލައިންކޮށް ޖަލްސާތައް ބާއްވަވައި ޙާޒިރީވެސް ޤަބޫލުކޮށް ބިލްތައްވެސް ފާސްކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސަށް ތަޅުމަށް ޙާޟިރު ނުވެވުމަކީ އިސްތިއުފާދޭންޖެހޭ ކަމެއް ނޫން." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.



ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ސަރުކާރުގެ ރޭވުން އޮތީވެސް ރައީސް ނަޝީދު އެނބުރި ރާއްޖެ ނުގެންނަން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކު ހޮވާކަމުގައިވަނީ ނަމަ އެ ފުރުސަތު އެމްޑީޕީ ނޫން ޕާޓީއެއްގެ މެންބަރަކަށް ދޭން ޖެހޭނެ ކަމަށެވެ. އޭރުން ހުރިހާ ބާރެއް އެއްވެފައި އޮތް އޮތުމަށް ލުއެއް ލިބިގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން އެމަނިކުފާނު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ޖަރުމަންވިލާތުން ބޭސް ފަރުވާ ކުރެއްވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން