ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ)
ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ)
އިންސާފުވެރި ކޮންމެ ޝަރީޢަތަކުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން އެމަނިކުފާނު ބަރީޢަވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނޭކަން އިޢުލާނު ކުރަށްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، 2023ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަންފުޅު ނޯންނާނެކަމަށާއި، މި ސަރުކާރުންނާއި، އެމްޑީޕީން އެ ފުރުސަތު އެމަނިކުފާނަށް ލިބުނަވެސް ނުދޭނެ ކަމަށެވެ.

އުމަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަން ނޯންނާނެ ކަމަށް ބުނެ ސަރުކާރާއި، ރައީސް ޔާމީންގެ ވާދަވެރިން ދައްކާ ވާހަކަތަކަކީ ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރެވިފައިވާ މައްސަލައަށް ސީދާ ނުފޫޒު ފޯރުވުމަށް ދައްކާ ވާހަކައެއް ކަމަށެވެ. އަދި ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ މިބާވަތުގެ ކޮންމެ ޢަމަލަކާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އިންސާފުވެރި ކޮންމެ ޝަރީޢަތަކުން ރައީސް ޔާމީން ބަރީޢަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް." ޑރ. ޖަމީލް ވިދާޅުވިއެވެ.



ޢުމަރު ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ނަންފުޅު ރިޔާސީ އިންތިޚާބުގައި ނޯންނާނެ ކަމަށާއި، އެގޮތަށް އެކަން ވަނީ، ސަރުކާރު ތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލެވިފައި ތިބި ބޭފުޅުންނަށް ވުމުން ކަމަށެވެ.

މީގެ ކުރިން ޢުމަރު ވިދާޅުވެފައިވަނީ، ދުނިޔޭގައި ރިޔާސީ ނިޒާމް އޮތް ގައުމުތަކުގައި ވަކި ޕާޓީއަކަށް ވެރިކަން ދިނުމުގެ ވިސްނުން ބަދަލުވެ، މީހާގެ ޤާބިލްކަމާއި، ތަޖުރިބާއަށް ބަލައި ނިންމުން ނިންމާފައިވާތަން ފެނިފައިވާކަމަށެވެ. ރާއްޖެވެސް މިއަދު މިވަނީ އެމިސްރާބަށް ރައްޔިތުންގެ ވިސްނުން ދާ ހިސާބަށް ގޮސްފައިކަމުގައި އުމަރު ވިދާޅުވިއެވެ. އެމްޑީޕީއާއި، ޕީޕީއެމަކީ ރާއްޖޭގައި އޮންނަންޖެހޭ ހަމައެކަނި ފިކުރުކަމަށް ބައެއް ބޭފުޅުން ދުށް ނަމަވެސް އެކަން 2023ގައި ބަދަލު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމްގައި ލީޑަރުންނަށް ތިއްބެވި ދެބޭފުޅުންނަކީ އެއްފަހަރު ރައްޔިތުން ފުރުސަތު ދީ ފެއިލްވެފައިވާ ދެބޭފުޅުންނަށްވާއިރު، ޕާޓީން އަތްދޫކޮށްލަން ބޭނުން ނުވަނީ އެހެންބަޔަކަށް އެފުރުސަތު ފަހިވެދާނެތީކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން