މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހިމް ސުޖާއު
މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހިމް ސުޖާއު
މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ސުޖާއުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދަޢުވާގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފިއެވެ.

ދަޢުލަތުން ސުޖާއުގެ މައްޗަށް ދަޢުވާ ކޮށްފައިވަނީ، މާލޭގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް، އިމާރާތްކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ސުޖާއު ކުށް ކުރި ކަމަށް ބުނާ ތާރީހުގެ ކުރިން މާލޭ ޕްލޭނިން ގަވައިދު އާންމުކޮށްފައިވާކަން އެނގެން ނެތުމުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، ހަސްމުން ހަވާލާދޭ ގާނޫނާއި ގަވާއިދުތަކުގައި އެ ހާދިސާއެއް ހިނގިއިރު ގާނޫނީ ބާރުވެރިކަން ދެމިއޮތްތޯ ސުވާލު އުފެދިއްޖެ ނަމަ ފަނޑިޔާރު އެކަން ކަށަވަރު ކުރުމުގައި އެ ގާނޫނު ނުވަތަ އެ ގަވާއިދުގެ ބެލެނިވެރި ފަރާތާ ސުވާލުކޮށްގެން އެ ތާރީހެއް ހޯދިދާނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ކޮށްފައެވެ.

މި މައްސަލާގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، މާލޭ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމަށާއި އެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދާއި އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށްކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮތްކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

އަދި އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 2014 ވަނަ އަހަރުގެ ޖެނުއަރީ 15 ގައި މާލޭ ސިޓީކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށާއި، އެ ހުއްދަތަކަކީ މާލޭ ސިޓީކައުންސިލްގެ ސުޖާއު ސޮއިކުރަށްވައި ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި ހަތަރު ބުރިއަށް އިމާރާތް ކުރުމަށް ސުޖާއު، 2014 ވަނަ އަހަރުގެ 14 ޖެނުއަރީގައި ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށް ވެސް ދަޢުލަތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން